އެމެރިކާގެ މިނިސްޓަރު އޮފް ގަވަރމަންޓް އެފިޝަންސީ އެލޮން މަސްކް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ދެމެދު ހޫނު ޒުވާބެއް ހިނގާފައިވާ ކަމަށް އެމެރިކާގެ އެތައް މީޑިއާ ރިޕޯޓްތަކެއް ބުނެފިއެވެ.
ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ އެންމެ އަރިސް އެލޮން މަސްކް އާއި ޚަރިޖީ ވަޒިރާއި ދެމެދު ހޫނުގަދަ ޒުވާބެއް ހިނގައި އެކަކު އަނެކަކުގެ ގަޔަށް އަތްލާ ހިސާބަށް ކަންތައްތައް ދިޔުމުން އެންމެފަހުން ޓްރަމްޕަށް ޖެހުނީ އެ ދެމީހުންގެ މެދަށް ވަންނާށެވެ.
މަސްކާއި ރޫބިއޯއާއި ދެމެދު ޒުވާބު ހިނގަން ޖެހުނީ ޚާރިޖީ ވުޒާރާގެ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ވުޒާރާ ހިންގަން ދަތިވެއޭ ކިޔައި މަސްކް އާއި ދިމާލަށް ނުސީދާ ގޮތުން އެއްޗެހިތަކެއް ބުނެގެން ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.
މަސްކް އަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީ (ޑީއޯޖީއީ) ގެ ވެރިޔާގެ މަގާމު އަދާކުރައްވާ ފަރާތެވެ. މަސްކް ގެންދަވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ހަރަދު ހަރުކަށި ޤަވާޢިދުތައް ހަދައި ގިނަބަޔަކު ވަޒީފާއިން ވަކިކޮށްފައެވެ. މަސްކްގެ ޕްލޭންގެ ދަށުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ވަޒީފާ އަދާކުރާ އެމެރިކާ ސަރުކާރުގެ ވޯކްފޯސް 5 ލައްކަ އަށް ތިރިކުރާނެއެވެ މިހާރު ވެސް ފެޑެރަލް މުވައްޒަފުންގެ 400،000 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވަޒިފާއިން ވަކިކޮށްފައެވެ.
މަސްކުގެ އިޤްތިޞަދީ ފިޔަވަޅުތަކުގެ ސަބަބުން އެކަމާއި ދެކޮޅަށް މުޅި އެމެރިކާގައި މުޒާހަރާތައް އިންތިޒާމް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގައި މުވައްޒަފުން މަދުކުރުމާއި ގުޅިގެން މަސްކް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ދެމީހުން ވަރަށް ބޮޑަށް ޚިޔާލު ތަފާތެވެ. މަސްކުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް ރޫބިއޯ އެއްބާރުލުން ނުދޭ ކަމަށް ވެއެވެ.
އެމެރިކާގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރޭގައި މައްސަލަ ގޯސްވެ ގަޔަށް އަތްލާ ހިސާބަށް ކަންތައްތައް ދިޔަވާހަކަ ލީކުވުމުން ރައީސް ޓްރަމްޕް ވަނީ ބޮޑެތި ޒުވާބުތަކެއް ހިނގާފައިވާ ކަމަށް ބުނާ ރިޕޯޓްތައް ދޮގުކުރައްވާފައެވެ. ދަ ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުގައި މަސްކް އާއި ރޫބިއޯގެ “ތަޅާފޮޅުން” ހައްލުކުރުމަށް ޓްރަމްޕް އަމިއްލައަށް ތަދައްޚުލްވާން ޖެހުނެވެ. ނަމަވެސް ފަހުން ރައީސް ވަނީ ކެބިނެޓް ބައްދަލުވުމުގައި "އާދަޔާ ހިލާފު ކަމެއް" ހިނގާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.