ގަތަރުގެ ދޯހާގައި ހަމާސްގެ މަންދޫބަކާއި ސީދާ ބައްދަލުކުރައްވައި ރަހީނުން މިނިވަން ކުރުމާއި ގުޅޭ މަޝްވަރާތައް އެމެރިކާއިން ބާއްވައިފިއެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވައި އެމެރިކާގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ފޯ ހޯސްޓޭޖް އެފެއާޒް ރޮޖާ ކާސްޓެންސް އިސްކޮށް ހުންނަވައިގެން މި މަޝްވަރާތައް ކުރިޔަށް ގެންދިޔަކަން ނޫސްވެރިންނަށް ކަށަވަރު ކޮށްދެއްވާފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލެއްވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި އަތުލައިގަނެފައިވާ އެމެރިކާގެ ރަހީނުން ދޫކޮށްލުމަށެވެ.
މި ބައްދަލުވުމަކީ އިސްރާއީލުގެ އެއްވެސް ބައިވެރިވުމެއް ނެތި ކުރިޔަށް ގެންދިޔަ ބައްދަލުވުމެކެވެ. މިކަމާއިމެދު އިސްރާއީލުން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް އެމެރިކާއިން ބުނީ އެޤައުމުގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވައިޓް ހައުސް އިން ކުރާނެ ކަމަށެވެ.
“އެމެރިކާގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި ޓްރަމްޕްގެ ވެރިކަމުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ. އަޅުގަނޑުމެންގެ ރައްޔިތުންގެ ރައްކާތެރިކަމާއެކު އެނބުރި އައުން ކަށަވަރު ކުރުމަށްޓަކައި ވާހަކަ ދައްކަން ޖެހޭ ކޮންމެ މީހަކާއި ވާހަކަ ދައްކާނަން،” ލީވިޓް ވިދާޅުވި އެވެ.
ހަމާސްއިން އެދުނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް
ހަމާސް އާއި ޙަވާލާދީ އެމެރިކާގެ މަންދޫބުން ވިދާޅުވީ ދާއިމީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ރަހީނުކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް ތައްޔާރަށް އޮތް ކަމަށް ހަމާސްއިން ބުނެފައިވާ ކަމަށެވެ. މިއީ އިސްރާއީލުގެ ސަރުކާރުން އެދޭ ގޮތެއް ކަމުގައި ނުވާއިރު، އިސްރާއީލުގެ ލީޑަރުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުންތަކާ ދެކޮޅު ހަދައި، ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމުގެ މަސައްކަތް ފަށާނެ ކަމުގެ އިޝާރާތެއް ދީފައެވެ.
އެމެރިކާއިން ސީދާ ހަމާސްއާ އެކު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ކުރުމަށް ހުޅުވާލެވިފައިވޭތޯ އާންމުކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ބައިޑެންގެ ވެރިކަމުގައި ވަނީ އިސްރާއީލުން ޣައްޒާގައި އަލުން ހަމަލާއެއް ދިނުމަށް ތާއީދު ނުކުރާ ކަމަށް ބުނަމުން އަންނައިރު، މިއީ އިސްރާއީލުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާ ސްޓޭންޑެކެވެ.
އިސްރާއީލުން ނުރުހުން ފާޅުކޮށްފި
އިސްރާއީލުގެ އޮފިޝަލުން ވަނީ ސީދާ އެމެރިކާއާއި ހަމާސް މަޝްވަރާ ކުރަމުންދާތީ އެމެރިކާގެ ސިޔާސަތު އިސްރާއީލް ބޭނުންވާ ގޮތް ނޫން އެހެން ދިމާލަކަށް ބަދަލުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޓެލް އަވީވް ނުވަތަ ސަރަހައްދީ އެކުވެރި ގައުމުތަކާ ކޯޑިނޭޓް ނުކޮށް ވޮޝިންޓަނުން ހަމާސްއާ އިތުރަށް ގުޅިގެން އުޅެފާނެ ކަމުގެ ބިރު އިސްރާއީލަށް މިހާރު އެބައޮތެވެ.
މިއީ އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތަކާ ގުޅިގެން އުޅޭ ފުރަތަމަ ފަހަރެއް ނޫނެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ވަކިވުމުގެ ކުރިން 2021 ވަނަ އަހަރު ވޮޝިންޓަނުން ވަނީ ތާލިބާނުންނާ އެކު އެތައް ބުރެއްގެ މަޝްވަރާތަކެއް ބާއްވާފަ އެވެ.