އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުންނާއި ކުރިމަތިލުމަށް މަސައްކަތް ކޮށްފި

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 02:49
އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ ތެރޭގައި ކުރީގެ ދިއްދޫ ދާއިރާގެ މެންބަރު އަޑުގަދަކުރާއެއް ހިފައިގެން ހުރިއިރު ފަހަތުގައި ފުލުހުން: އެމްޑީޕީން ހަމަނުޖެހުން ހިންގަން އުޅުމުން ފުލުހުން އެ ފުރުޞަތެއް ނުދިން.
އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ ތެރޭގައި ކުރީގެ ދިއްދޫ ދާއިރާގެ މެންބަރު އަޑުގަދަކުރާއެއް ހިފައިގެން ހުރިއިރު ފަހަތުގައި ފުލުހުން: އެމްޑީޕީން ހަމަނުޖެހުން ހިންގަން އުޅުމުން ފުލުހުން އެ ފުރުޞަތެއް ނުދިން.
ޚުލާސާ

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރަމުންދިޔައިރު އެމްޑީޕީން ދިޔައީ ހަޑިހުތުރު އެއްޗެހި ގޮވައި ނިދާފައިތިބި ތުއްތުކުދިންނަށާއި ރައްޔިތުންނަށް ދުއްތުރާ ކުރަމުން. ފުލުހުންނާއި ކުރިމަތިލާން އުޅުމުން ފުލުހުން ދިނީ ނަޞޭޙަތް.

އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފަށް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގެ މަގުމައްޗަށް ނުކުމެ މި ރަމަޟާން މަހުގެ އަޅުކަންތަކަށް ހުރަސް އެޅޭ ގޮތަށް ޢަމަލުކޮށް، އެންމެފަހުން ފުލުހުންނާ ކުރިމަތިލައި، އާންމު ތަރުތީބަށް ބުރޫއަރުވައި، ސަރުކާރާއި ދެކޮޅަށް އަސާސެއް ނެތް ތުހުމަތުތައް ފަތުރަން މަސައްކަތް ކޮށްފިއެވެ.

މި ޤާނޫނާއި ޚިލާފު ޢަމަލުގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމާއި، މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ރާއީގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ އިތުރުން ވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ “އަތްމަތި ދަތި” ބައެއް މެންބަރުން ބައިވެރިވި އެވެ.

އެމްޑީޕީން ގޮވަމުން ދިޔައީ މިނިވަން މުއައްސަސާ ތަކަށާއި، ޝަރުއީ ދާއިރާއަށް، އަދި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށެވެ. އަދި ޢާންމުންގެ މެދުގައި ބިރުވެރިކަމެއް އުފެއްދުމަށް މިހާރު ރައްޔިތުންގެ މެދުގައި މަޤްބޫލްކަން ގެއްލިފައިވާ އެ މެންބަރުން ދިޔައީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން، ފްލެޓްތައް އިންސާފުވެރިކަމާއެކު ބެހުމަށް މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދާއިރުވެސް، އެމްޑީޕީން މަސައްކަތްކުރީ ބޯހިޔާވަހިކަމުގެ ސްކީމް ސިޔާސީ ކުރުމަށެވެ.

މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ދިޔައީ މަގުމަތީގެ އަމާންކަން ގެއްލުވައި ނުލުމަށާއި ދުއްވާތަކެއްޗަށް އުނދަގޫ ނުކުރުމަށް ނަޞޭޙަތްތެރި ވަމުންނެވެ. ފުލުހުން ނަސޭހަތް ދިން ނަމަވެސް، އެމްޑީޕީން މުޒާހަރާ ކުރިއަށް ގެންދިޔައީ ސުލްހަ ގެއްލުވައިލުމަށެވެ. ލައުޑްސްޕީކަރު ބޭނުންކޮށްގެން އެ މީހުން ދިޔައީ އާންމުން ދިރިއުޅޭ ގެތަކަށާއި، ނިދާފައި ތިބި ކުޑަކުދިންނަށާއި ރަމަޟާންމަހު އަޅުކަމުގައި ހޭދަކުރާ މީހުންނަށްވެސް އުނދަގޫވާ ގޮތަށް ކަންތައް ކުރަމުންނެވެ. ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމް ކުރިއަށް ގެންދިޔައިރު، އެމްޑީޕީން ދިޔައީ ރައްޔިތުންނަށް ދުއްތުރާވާގޮތަށް މަގުތައް ބުލޮކްކޮށް ހަޑިހުތުރު ބަސްތައް ގޮވަމުންނެވެ. އަދި ފުލުހުންގެ އޮފިސަރުންނަށް ޙަމަލާ ދިނުމަށް މަސައްކަތް ކުރިއެވެ. އެގޮތުން މަޖީދީ މަގާއި ޗާންދަނީ މަގާއި ގުޅޭ ހިސާބުގައި އެމްޑީޕީން ދިޔައީ ފުލުހުން އެތަކެތި އަތުލަން އުޅުމުން ތަޅާފޮޅައި މާރާމާރީ ހިންގުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ޤާނޫނު ތަންފީޛުކުރާ ފުލުހުން އެއްވެސް އެކްޓިވިސްޓަކު ހައްޔަރެއް ނުކުރެއެވެ. އޭގެ ބަދަލުގައި ދިނީ ނަޞޭޙަތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%