ރޯދައިގެ ޙިކުމަތަކީ މާތްﷲ އަށް ބިރުވެތިވެ ތަޤްވާވެރިވުން: ޚުޠުބާ

އައިޝަތު ރުވާ ރިފްޢަތު | 7 ދުވަސް ކުރިން - 13:08
ނަމާދުގެ ވަގުތު. / ފޮޓޯ: ޚުލާސާ
ނަމާދުގެ ވަގުތު. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޚުޠުބާގައި ބުނީ ރޯދައިގެ ޙިކުމަތް ޙާޞިލުކުރެވޭނީ ﷲ އަންގަވާފައިވާ ގޮތަށް ރޯދަ ހިފައިގެން ކަމަށް.

ރޯދައިގެ ޙިކުމަތަކީ މާތްﷲއަށް ބިރުވެތިވެ ތަޤްވާވެރިވުން ކަމަށް ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ ރޯދައިގެ ސަބަބުން ﷲގެ ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި ޝުކުރުވެރިވުމަށް މަގުފަހިވާކަމަށެވެ. ރޯދައަށް ހުންނައިރު ކެއިންބުއިމާ ދުރުހެލިވެ ހުރުމުން ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ އަގު އިތުރަށް ވަޒަންކުރެވޭ ކަމަށާއި، އޭގެ ސަބަބުން އަވަށްޓެރިންނަށް ކަމޭހިތުމާއި ނިކަމެތިންނަށް އެހީތެރިވުމުގެ އާދަ އަށަގަންނަ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ރޯދައަކީ ޙަރާމް ކަންތައްތަކުން ދުރުހެލިވުމަށް އެހީވެދޭ އަޅުކަމެއް ކަމަށެވެ. ﷲ ޙަލާލުކުރައްވާފައިވާ ކަންތައްތަކުން ވަގުތީގޮތުން ދުރުހެލިވެ ހުރުމުން ޙަރާމް ކަންތައްތަކުން ދުރުހެލިވުމަށް ބާރު ލިބޭކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ރޯދައިގެ ސަބަބުން ނަފްސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބޭކަންވެސް ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި ބުނީ ރޯދައިގެ ސަބަބުން ރަޙުމާއި ކުލުނު އުފެދޭ ކަމަށެވެ. ރޯދައަށް ހުންނައިރު އިޙްސާސްކުރެވޭ ބަނޑުހައިހޫނުކަމުގެ ސަބަބުން ފަޤީރުންނާއި މިސްކީނުންގެ ޙާލަތު އިޙްސާސްކުރެވި އެމީހުންނަށް އެހީތެރިވުމަށް ބާރުއެޅޭ ކަމަށް ޚުޠުބާގައި ބުންޏެވެ. މީގެ އިތުރުން ރޯދައަކީ ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލާ އަޅުކަމެއް ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި އިތުރަށް ބުނީ، ރޯދައިގެ ޙިކުމަތް ޙާޞިލުކުރެވޭނީ ﷲ އަންގަވާފައިވާ ގޮތަށް ރޯދަ ހިފައިގެން ކަމަށެވެ. އަދި ރޯދައަކީ ރޯދަވެރިޔާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެއް ކަމަށް ވެސް ޚުޠުބާގައި ފާހަގަކުރިއެވެ.

ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ ހަމައެކަނި ﷲގެ ރުހިވޮޑިގަތުން ހޯދުމަށް ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން، މިއަދު މުސްލިމުންގެ މެދުގައި އާންމުވެފައިވާ ބައެއް ނޭދެވޭ އާދަތައް ޚުޠުބާގައި ފާހަގަކުރިއެވެ. ޚާއްޞަކޮށް މީސްމީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި، އެހެން މީހުންގެ އަބުރަށް އަރައިގަތުމާއި، ދޮގު މަޢުލޫމާތު ފެތުރުން ފަދަ ކަންކަމަކީ ރޯދައިގެ ރޫޙާ އެއްގޮތް ކަންތައްތަކެއް ނޫން ކަމަށް ޚުޠުބާގައި ބުންޏެވެ. އެފަދަ ކަންކަމުން ދުރުހެލި ނުވާނަމަ ރޯދައިގެ ޙަޤީޤީ މަޤްޞަދު ގެއްލި، އޭގެ ޘަވާބު ނުލިބިދާނެކަމަށް ޚުޠުބާގައި ބުންޏެވެ.

ރޯދައިގެ އަނެއް މުހިންމު ޙިކުމަތެއްގެ ގޮތުގައި، އިންސާނާގެ ނަފްސު ތަހުޒީބުކުރުން ހިމެނޭކަން ޚުޠުބާގައި ފާހަގަކުރިއެވެ. އަދި ސިއްރާއި ފާޅުގައި ތިމާ ކުރާ ޢަމަލުތައް ﷲ ބައްލަވާވޮޑިގެންވާކަން ދަނެ، އެކަލާނގެއަށް ބިރުވެތިވެ އުޅުމަށް ރޯދަ އެހީތެރިވެދޭ ކަމަށް ޚުޠުބާގައި ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%