ރައީސް ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ބައްލަވާލައްވައިފި

އާނާ ފަހީމް | 6 ދުވަސް ކުރިން - 19:20
ރައީސް ރަސްފަންނަށް ޒިޔާރަތްކުރެއްވުން. / ފޮޓޯ: ޚުލާސާ
ރައީސް ރަސްފަންނަށް ޒިޔާރަތްކުރެއްވުން. / ފޮޓޯ: ޚުލާސާ
ޚުލާސާ

ރަސްފަންނު މަރާމާތުކުރަމުން އަންނަނީ ރައީސްގެ އިރުޝާދުގެ ދަށުން ސަރުކާރު މުއައްސަސާތައް ގުޅިގެން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްފަންނަށް ޒިޔާރަތްކުރައްވާ، އެތަނުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ރައީސްގެ މި ޒިޔާރަތުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އަދި ސިޓީސް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްފަންނުގެ މާޙައުލަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ފައްޓާފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 14 ވީ ހުކުރު ދުވަހު ރައީސް ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި ރަސްފަންނުގެ ޙާލަތު ވަޒަންކުރެއްވުމަށްފަހު އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތައް ގުޅިގެންނެވެ.

ފެބްރުއަރީ 22 ވަނަ ދުވަހު މަރާމާތުކުރުމަށް ބަންދުކުރި ރަސްފަންނު މިއަދު ވަނީ ވަގުތީ ގޮތުން އާންމުންނަށް ހުޅުވާލާފައެވެ.

ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރޭގައި ބީޗުން ގިރައިގެން ގޮސްފައިވާ ސަރަޙައްދުތަކަށް ވެލި އެޅުމާއި، މޫދަށް ފައިބާ ސަރަޙައްދުން ޗަކަ ނެގުމާއި، ޝަވަރ އޭރިއާތަކާއި ހަލާކުވެފައިވާ ހަޓްތައް މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން ޖޯލިތަކާއި ބާބަކިއު ސްޓޭންޑްތައް ވެސް ވަނީ މަރާމާތުކޮށްފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މިހާރު ކުރެވުނު ވަގުތީ މަރާމާތުތަކަށްފަހު، އިތުރު މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%