ރެހެންދި ސްކޫލް ހޯލްގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމުތައް ހަމަޖައްސައިފި

އަހްމަދު އީޒާން | 8 ދުވަސް ކުރިން - 13:48
ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގަނީ. / ފޮޓޯ: ހޯމް މިނިސްޓްރީ
ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގަނީ. / ފޮޓޯ: ހޯމް މިނިސްޓްރީ
ޚުލާސާ

އަންނަ މަހުގެ 15 ގެ ކުރިން ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލް ހޯލްގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމުތައް ހަމަޖައްސައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނީ ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް "ކުރަނގި އޮޕަރޭޝަން" ކުރިއަށް ގެންދިއުމަށް މިއަދުން ފެށިގެން އަންނަ މަހު ހަޔަކާ ހިސާބަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ރޭގަނޑު 21:30 އިން 00:30 އަށް ރެހެންދި ސްކޫލް ހޯލްގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާނެ ކަމަށެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް އެންސީއައިޓީގައި ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ޑެސްކްގެ އިތުރުން ކަލާފާނު ސްކޫލް ހޯލްގައި ވެސް އެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ތަންތަނުގައި ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި އަންނަ މަހުގެ ހައެއްގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 16:00 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް ބައޯމެޓްރިކްސް ނެގުމުގެ ޚިދުމަތް އެ ތަންތަނުން ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރިސޯޓްތަކާއި ސަފާރީތަކާއި ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށާއި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ މަހު 15 ގެ ކުރިން އެންސީއައިޓީގައި ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާ އަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

އަންނަ މަހުގެ 15 ގެ ކުރިން ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%