ގައިދީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "އަވަސްވެ ގަންނާށެ" ނަމުގައި ހާއްސަ ދީނީ ޕްރޮގްރާމެއް ޖަލުތަކުގައި ފަށައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އައްސޭރި ޖަލާއި ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް މި ރޯދަމަހަށް ހާއްސަކޮށް "އަވަސްވެ ގަންނާށެ" މި ނަމުގައި ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.
އައްސޭރި ޖަލުގައި މި ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގްރާމު ފަށްޓަވައިދެއްވީ އައްސޭރި ޖަލުގެ ޑެޕިއުޓީ ޑިރެކްޓަރު، އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް މުހައްމަދު ހުސެއިނެވެ. އަދި ހުޅުމާލޭ ޖަލުގައި މި ޕްރޮގްރާމް ފަށްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ އެވެ.
މިނިސްޓްރީން ބުނީ ފަސް ހަފުތާއަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އައްސޭރި ޖަލުން 116 ގައިދީއަކު އަދި ހުޅުމާލޭ ޖަލުން 51 ގައިދީއަކު ބައިވެރިވެފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ ގައިދީން ރޯދަމަހަށް ފުރިހަމަ ގޮތުގައި އިސްތިގުބާލުކުރުވުމާއި މި މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި އިސްލާމް ދީނާއި ކީރިތި ގުރުއާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީނުގެ އަސާސީ މައުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުސޫލުތަކާއި އެއްގޮތަށް އަހުލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެ ކަމަށެވެ.