ފަލަސްޠީނުގެ މުސްލިމުންނަށް އިސްރާއީލުގެ ޒައެނިސްޓުން މި ރަމަޟާން މަހުގައި ވެސް އަނިޔާކޮށް ޖެއްސުންކޮށް މީހުން ޝަހީދު ކުރަމުން ދާތީވެ ބަދަލު ހިފުމުގެ ގޮތުން މިއަދު ހެނދުނު އިސްރާއީލުގެ ހައިފާ ސިޓީގައި ޙަމަލާތަކެއް ދީ ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.
އިސްރާއީލުން މި ހަމަލާތައް މާނަކުރަނީ ޓެރަރިސްޓް ހަމަލާތަކުގެ ގޮތުގައެވެ. އިސްރާއީލުގެ މަގެން ދާވިދް އަދޮމް އިމަޖެންސީ ސަރވިސްގެ އިސްވެރިޔާ އެލީ ބިން ވިދާޅުވި ގޮތުގައި، ޒަޚަމްވި 4 މީހެއްގެ ޙާލު ސީރިއަސް އެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި، މި ހަމަލާ ދިނީ ބަޑިއާއި ވަޅި ހިފައިގެން ތިބި ދެމީހެކެވެ.
އިސްރާއީލް ފުލުހުން ބުނީ ޙަމަލާދިން ދެމީހުންގެ ތެރެއިން އެކެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގީ އިސްރާއީލްގެ ހައިފާގެ މައި ބަސް ސްޓޭޝަން ކައިރީގައި ގިނަބަޔަކު ތިއްބައެވެ.
އިސްރާއީލުން ޣައްޒާއަށް ޙަމަލާދޭން ފެށިފަހުން، އިސްރާއީލުގެ އެއްވެސް ހިސާބެއްގައި ރައްކާތެރިކަމެއް ނެތެވެ. އެކަމާއި ގުޅިގެން އެއްބަޔަކު އިސްރާއީލް ދޫކޮށް އެމީހުންގެ ގައުމުތަކަށް އެނބުރި ގޮސްފައި ވާއިރު އޭގެތެރޭގައި ގިނައީ އެމެރިކާ، ފްރާންސް، އަދި އާޖެންޓީނާ ފަދަ ޤައުމުތަކުގެ މީހުންނެވެ.