ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލު ކުރުމުގެ މަޝްވަރާތައް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަސައްކަތާ ގުޅޭ ގޮތުން ހދ. ހިރިމަރަދޫއާއި ހދ. ހަނިމާދޫ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި ހުރިހާ ބައްދަލުވުންތައް ވެސް ވަރަށް ކާމިޔާބު ކަމަށެވެ.
ވަޒީރު ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން ތިބީ ކެތް މަދުވެފައި ކަމަށާއި ހަނިމާދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އުންމީދު ވެސް އެބައޮންނެނި ކަމަށެވެ.
ހިރިމަރަދޫ ރައްޔިތުން އެދިފައިވާ ގޮތަށް، އެ ރަށުގެ އާބާދީ ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ މިދިޔަ އަހަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ހިރިމަރަދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގެ އާބާދީއަކީ 293 އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމެވެ. މި ގޮތުން ކުދި އާބާދީތަކުން މިފަދަ ސަރަޙައްދުތަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ހިރިމަރަދޫ ރައްޔިތުން މީގެ ކުރިން އެދިފައިވަނީ ކ. ތުލުސްދޫއަށް ބަދަލުވުމަށެވެ. ނަމަވެސް މިހާރު ބޭނުންވަނީ ހަނިމާދޫއަށް ބަދަލުވާށެވެ.
ހިރިމަރަދޫގެ އިތުރުން، އާބާދީ ބަދަލުކުރުމަށް ވ. ރަކީދޫން ވެސް ވަނީ އެދިފައެވެ.