ތ. މަޑިފުށީގައި ނުކުޅެދޭ އަންހެނަކަށް ރޭޕްކުރި ކަމުގެ ތުހުމަތުގައިވާ މީހަކު ދަންޖެހިގެން މަރުވުމާއި ގުޅިގެން، ބައެއް އާންމުން ނުކުމެ މައްސަލައިގައި ހިމެނޭ އަންހެން މީހާއާއި ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.
މި މައްސަލައިގައި 63 އަހަރުގެ މީހަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށް، މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް މައްސަލަ ހުށަހެޅުނެވެ. ފުލުހުން ބުނާ ގޮތުގައި، ތުހުމަތު ކުރެވޭ މީހާގެ ބަޔާން ނެގުމަށް އޭނާ މަޑިފުށި ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރެވުނެވެ.
ނަމަވެސް، މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ދަންޖެހިގެން މަރުވުމާއި ގުޅިގެން، އޭނާގެ އާއިލާއާއި ބައެއް އާންމުން ވަނީ ރޭޕްގެ ތުހުމަތުކުރި އަންހެން މީހާ އާއި ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. އެގޮތުން، އެ އަންހެން މީހާގެ ގެ ކައިރީގައި އެއްވެ މުޒާހަރާކުރި މީހުން ވަނީ މި ތުހުމަތު ތަކަކީ ދޮގު ތުހުމަތު ތަކެއް ކަމަށް ބުނެފައެވެ. އަދި އެ އަންހެން މީހާ ހައްޔަރު ކުރުމަށް އާންމުން ވަނީ ގޮވާލާފައެވެ.
މި މައްސަލައާ ގުޅިގެން، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ މައްސަލައިގައި ހިމެނޭ އަންހެން މީހާއަށް ޖިންސީ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މިފަދަ މަޢުލޫމާތެއް ރަސްމީކޮށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.