ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާނަމަ، ނުކައި ނުބޮއެ ހުރުމުގެ ބޭނުމެއް ނެތް: ޚުޠުބާ

އަައިޝަތު ޒީނާ | 14 ދުވަސް ކުރިން - 13:02
ރޯދަމަހަކީ މުސްލިމުންގެ ހުރިހައި ޢަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓަންޖެހޭ މަހެއްކަން ޚުޠުބާގައި ފާހަގަކުރި. / ފޮޓޯ: ޚުލާސާ
ރޯދަމަހަކީ މުސްލިމުންގެ ހުރިހައި ޢަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓަންޖެހޭ މަހެއްކަން ޚުޠުބާގައި ފާހަގަކުރި. / ފޮޓޯ: ޚުލާސާ
ޚުލާސާ

ދޮގުހެދުމާއި، ދެބައޮޑުވުމާއި، ނެތިމޮށުމާއި، މަކަރުހެދުން ފަދަ ޢަމަލުތައްކުރާ މީހާގެ ރޯދަ ނުގެއްލުނެއް ކަމަކު، އެ ރޯދައިން މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށްވެސް ޚުޠުބާގައި ބުނި.

ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ މިފެށޭ ބަރަކާތްތެރި ރަމަޟާން މަހަކީ އެންމެ ރެއެއްގެ އަޅުކަން އެ ރޭ ނުހިމެނޭ އެއް ހާސް މައްސަރަށްވުރެ، ހެޔޮވެގެންވާ ރެއެއް، އެ މަހުގައި ވާ މަހެއް ކަމަށެވެ. އެ މަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭއިރު، ރޯދައަކީ ހުރިހައި މާނައެއްގައި ކުށްތަކާއި، ފާފަތަކަށް އަރައިގަތުމުން ނަފުސު ރައްކާތެރިކޮށްދޭ އަޅުކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ރޯދައިގެ މައިގަނޑު މަޤްޞަދަކީ ތަޤުވާވެރިވުން ކަމަށާއި، ތަޤުވާގެ މާނައިގައި ހެޔޮ ޢަމަލުކުރުމާއި، އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނޭ ކަމަށެވެ. މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެހުރުމުގެ ސަބަބުން، ދުނިޔޭގެ އެދުންތަކާ ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫޙާނީ ބާރު އިތުރުވާ ނަމަވެސް، ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެން ކަމަށް ޚުޠުބާގައި ބުންޏެވެ.

ނުބައި ބަސްތައް ބުނުމާއި، އެފަދަ ޢަމަލުތައް ކުރުން ހުއްޓާލުމަށާއި، އަރައިރުންވުމާއި، ޒުވާބުކުރުމުން ދުރުހެލިވުމަށް ޚުޠުބާގައި ނަސޭޙަތްތެރިވިއެވެ. ޚުޠުބާގައި ބުނީ ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ދޮގުހެދުމާއި، ދެބައޮޑުވުމާއި، ނެތިމޮށުމާއި، މަކަރުހެދުން ފަދަ ޢަމަލުތައްކުރާ މީހާގެ ރޯދަ ނުގެއްލުނެއް ކަމަކު، އެ ރޯދައިން މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.

ޝަރީޢަތުގައި ރޯދަ ގެއްލޭ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް ޚުޠުބާގައި ބުނީ އޭގެ ތެރެއިން ބައެއް ކަންކަމުގެ ތެރޭގައި ރޯދަވެރިޔާ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންކަން ހިމެނޭ ކަމަށެވެ. އެއީ ގަދަކަމުން ހޮޑުލުމާއި، ކެއިންބުއިމާއި، ޖިމާޢުވުމާއި، މިއިން ކަމެއްގެ ޙުކުމުގައި ހިމެނޭ ކަންކަން ކަމަށް ޚުޠުބާގައި ބުންޏެވެ.

މުޅި ދުވާލު މަސްތުގެ ޙާލަތުގައި ހުރި މީހާގެ ރޯދަ ވެސް ގެއްލޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ރޯދައަށް ހުރިކަން ހަނދާންނެތި އެއްޗެއް ކެވުނަސް އަދި ފެންފޮދެއް ބޮވުނަސް އޭނާގެ ރޯދައެއް ނުގެއްލޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ރޯދަމަހަކީ މުސްލިމުންގެ ހުރިހައި ޢަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓަންޖެހޭ މަސް ކަމަށެވެ. އެގޮތުން، ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި، ނިކަމެތީންނަށް އެހީވުމާއި، ނަމާދުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ދަމު ނަމާދުކުރުމާއި، އިޢުތިކާފުކުރުން ފަދަ އަޅުކަންތައް ކުރުމުގެ އިތުރުން، ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި، އެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަމަހު ވަކިން ބޮޑަށް ދަރުމަހުރި ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ރޯދަމަހަކީ ހަށިގަނޑަށް ފައިދާ ހުރި، ޙަލާލު ތަކެތި ކެއުމަށް ބާރުއަޅާންޖެހޭ މަހެއް ނަމަވެސް ކެއިންބުއިމުގައި އިސްރާފު ނުކުރުމަށް ޚުޠުބާގައި ވަނީ ނަސޭޙަތްތެރިވެފައެވެ.

ރޯދައިގެ މަޤްޞަދަކީ، ދުންޔަވީ އެންމެހައި އެދުންތަކުން ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަހޯދުންކަން ފާހަގަކޮށް، މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރެވޭތޯ މަސައްކަތް ކުރުމަށް ޚުޠުބާގައި ވަނީ ނަސޭޙަތްތެރިވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%