ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން ބަލާފައިވާނީ އެމީހަކު ހުށަހެޅި ލިޔެކިޔުންތަކަށާއި ދީފައިވާ މަޢުލޫމާތަށް ކަމަށް ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހުށަހެޅި ލިޔެކިޔުންތަކާއި މަޢުލޫމާތުގެ އިތުރުން ސަރުކާރުގެ ޑޭޓާބޭސްގައި ހުރި މަޢުލޫމާތު ބަލައި، މަޢުލޫމާތު ޞައްޙަތޯ ބަލާފައިވާނެ ކަމަށެވެ. އަދި ވެރިފައި ކުރެވެން ހުރި މަޢުލޫމާތެއް ނަމަ ވެރިފައިކޮށްފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ވެރިފިކޭޝަން ޕްރޮސެސްގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ގެޒެޓްކުރެވުނު 'ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު' އަށާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށް ކަމަށެވެ.
އެގޮތުން، ތިން ކޮޓަރީގެ ފުލެޓަށް 75 ޕޮއިންޓުން މަތިން ލިބުނު 3،721 ފަރާތެއްގެ ފޯމު ވެރިފައި ކުރެވުނު ކަމަށާއި، ޢިމާރާތްކުރެވެމުންދަނީ 2،750 ފުލެޓު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދެ ކޮޓަރީގެ ފުލެޓަށް 73 ޕޮއިންޓުން މަތިން ލިބުނު 1،218 ފަރާތެއްގެ ފޯމު ވެރިފައި ކުރެވުނު އިރު، ޢިމާރާތްކުރެވެމުންދަނީ 1،250 ފުލެޓު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ލިސްޓަށް އިތުރު އެއްވެސް ފަރާތެއް އިތުރުކުރުމަށް އެއްވެސް ވަރަކަށް އިތުރު ފޯމެއް ބަލާފައި ނުވާނެ ކަމަށެވެ. އަދި ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި، ޕޮއިންޓް އުނިވެގެން ފުލެޓު ލިބޭ ވަރަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތައް ވާނީ ފާހަގަކޮށް، ފުލެޓު ނުލިބޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.