ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކަށް ދައްކަން ޖެހޭ ކުލި ބޮޑުކުރީ ދައުލަތުން ލޯނު ދައްކަން ޖެހޭ ފައިސާއަށް ބެލުމަށްފަހު ކަމަށް ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ފްލެޓް ލިސްޓު އާންމުކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ކުލިން 2000 ރުފިޔާ ބޮޑުކުރަން ނިންމާފައިވާ ކަމަށާއި، އެގޮތަށް ނިންމަން ޖެހުނީ ދައުލަތުން ލޯނު ދައްކަން ޖެހޭ ފައިސާއަށް ބެލުމަށް ފަހު، އެސެސްމަންޓްވެސް ހެދުމަށް ފަހު ކަމަށެވެ.
ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން އެ ފްލެޓުތަކުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވާ 5000 ރުފިޔާ އަދި 7000 ރުފިޔާއަކީ ލޯނު ދައްކަން ޖެހޭ ފައިސާއަށް ބަލައި، އެސެސްމަންޓް ހަދާފައި ކަނޑައަޅާފައި ހުރި އަގުތަކެއް ނޫން ކަމަށެވެ.
ވަޒީރު ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ހިސާބުތަކަށް ބަލާއިރު ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ތިން ކޮޓަރީގެ އެޕާޓްމަންޓަކުން މަހަކު 13000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކުން މަހަކު 9000 ރުފިޔާ ކުލީގެ ގޮތުގައި ނަގަން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރުން ނިންމާފައިވަނީ ފްލެޓުތަކުގެ ކުލިން ކޮންމެވެސް މިންވަރެއް ސަބްސިޑީއަށް ދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލިން 9000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުގެ ކުލިން 7000 ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތިން ކޮޓަރީގެ މެއިންޓެނަންސް ފީގެ ގޮތުގައި 1500 ނަގާއިރު، ސެކިއުރިޓީ ޑިޕޮސިޓަށް 25000 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ކޮޓަރީގެ މެއިންޓެނަންސް ފީގެ ގޮތުގައި 1000 ނަގާއިރު، ސެކިއުރިޓީ ޑިޕޮސިޓަށް 15000 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ހިސާބުތައް ޙިއްސާކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ގެދޮރުވެރިޔާ ފްލެޓުތަކުގެ ކުލި ކަނޑައަޅާފައިވަނީ އެންމެ އިންސާފްވެރިކޮށް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
ކުރީގެ ސަރުކާރުން ނެރެފައިވާ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަވަނީ އެންމެ 1820 މީހުން ކަމަށާއި މިއަދު 3 ޖަހާއިރު ލިސްޓު އިޢުލާން ކުރާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.