ޔުކްރޭން ހަނގުރާމަ ހުއްޓުވައި، ރަޝިއާ އާއި ޔުކްރޭން ޞުލްޙަ ކުރުމަށް މަޝްވަރާތައް ފެށުމަށްޓަކައި ރަޝިއާ އާއި އެމެރިކާގެ އޮފިޝަލުން ތުރުކީގެ އިސްތަންބޫލްގައި ބުރާސްފަތި ދުވަހު (މާދަމާ) ބައްދަލުކުރަން ނިންމައިފިއެވެ.
ތުރުކީގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުން، ޔުކްރޭން މަޝްވަރާތަކުގެ އިތުރުން، އެމެރިކާ އާއި ރަޝިއާގެ އޮފިޝަލުން އިތުރު މަޝްވަރާތަކެއް ވެސް ކުރާނެއެވެ. އެކަމުގެ ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވުމާއި ގުޅޭ ބައްދަލުވުންތައް މީގެ ކުރިން ސައޫދީ އަރަބިއްޔާގައި ވެސް ބާއްވާފައިވެއެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވި ރަޝިއާ އަދި އެމެރިކާގެ އޮފިޝަލުން ވަނީ މަޝްވަރާތައް ދިޔަ ގޮތާއި މެދު ތަޢުރީފުކުރައްވާފައެވެ.
ނަމަވެސް، ޔުކްރޭން ހަނގުރާމަ ހުއްޓުވައި ދެ ގައުމު ސުލްހަވުމަށް ކުރެވޭ މަޝްވަރާތަކުގައި ޔުކްރޭނަށް މާބޮޑު ބާރެއް އޮތް ކަމަކަށް ނުބެލެވެއެވެ. އަދި ހަނގުރާމާގައި ރަޝިއާ އަތުލާފައި ހުރި ޔުކްރޭންގެ ބިންތައް، ޔުކްރޭނަށް އަލުން ލިބޭނެ ކަމަކަށް ވެސް ނުބެލެވެއެވެ.
އެމެރިކާގެ ރައީސްގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމަށްފަހު ރަޝިއާއާ އެކު އޮތް ގުޅުން ވަނީ ވަރަށް ރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. އަދި ރަޝިއާ ބޭނުން ނޫން ގޮތަކަށް ޔުކްރޭން މައްސަލަ ހައްލުވާނެ ކަމަކަށް ނުބެލެވެއެވެ.