ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް، ފަލަސްތީނުގެ 620 އަސީރަކު މިނިވަން ކުރުމަށް އިސްރާއީލުން އެންމެ ފަހުން ނިންމައިފިއެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ "ހާއާރެޓްސް" އިން ބުނާ ގޮތުގައި، މި އެއްބަސްވުމުގެ މެދުވެރިއެއް ކަމަށްވާ މިސްރާއެކު އިސްރާއީލުން ކުރި މަޝްވަރާތަކަކަށްފަހު، ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މި 620 އަސީރުން މާދަމާ މިނިވަން ކުރާނެކަމުގެ ޔަގީންކަން މިސްރަށް ދީފައެވެ. މިސްރުގެ ރަސްމީ މީޑިއާތަކުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އެއްބަސްވުމުގައިވާ ގޮތުން މި އަސީރުން މިނިވަންކުރަން ޖެހޭނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް އިސްރާއީލުން ވަނީ އެކި ބަހަނާތައް ދައްކައި، މި އަސީރުން މިނިވަންކުރުން މުއްދަތެއް ނެތި ފަސްކުރިކަން ހާމަކޮށްފައެވެ. އަދި ހަމާސްއިން ޖެހޭނީ އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރަން ކަމަށާއި، އެހެން ނޫންނަމަ ޣައްޒާއަށް ހަމަލާދީ އަލުން ގަތުލުއާންމުތައް ފަށާނެކަމުގެ އިންޒާރު ވެސް ނަތަންޔާހޫ ދިނެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގެ ކަންކަމުގެ ތެރެއަށް ދެން އޭނާ ވަދެވަޑައިނުގަންނަވާނެ ކަމަށާއި، ޣައްޒާގައި އަލުން ހަނގުރާމަ ފެށުމަށް ތާއީދު ނުކުރާނެކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން، އިސްރާއީލުގެ އެތެރެއިން ވެސް އެއްބަސްވުމާއި އެއްގޮތަށް އަސީރުން މިނިވަންކުރުމަށް ނަތަންޔާހޫއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށް "ހާއާރެޓްސް" ނޫހުން ބުނެއެވެ.
މި ހުރިހާ ސަބަބުތަކަކާ ހުރެ، އިސްރާއީލަށް އެންމެ ފަހުން ޖެހުނީ ގޮތް ދޫކޮށްލައި، އެއްބަސްވުމާއި އެއްގޮތަށް އަސީރުން މިނިވަންކުރުމަށް ނިންމަން ކަމަށް މުހައްލިލުން ދެކެއެވެ.