ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ދާޚިލީ ވަޒީރު އިޙްސާންގެ އިތުބާރުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށްދަނިކޮށް، ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ދަށުން ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައާއި އަދި މިނޫންވެސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކުށުގެ ޢަމަލުތައް ހުއްޓުވުމަށް ވަޒީރު ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ތެރެއިން ޖުމްލަ ހައްލު ހޯދުމަށް މަސައްކަތް ކުރެވެމުންދާ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައާައި އަދި މިނޫންވެސް ގާނޫނާ ގަވާއިދާ ހިލާފަށް ހިނގަމުންދާ ކުށުގެ އަމަލުތަށް ހުއްޓުވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން. އަދި މިދެންނެވި މަސައްކަތްތަށް މީގެ ކުރިން ނުހިނގާ ބާރުމިނުގައި، ކާމިޔާބުކަމާއެކު ހިނގަމުންދާކަމީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް. މަދު ސިޔާސީ ބަޔަކު އިސްވެތިބެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަށް ހުރަސްއަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށް. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަށް ޖާގަދޭނެ ސަރުކާރެއް ނޫން." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އަދި ވިދާޅުވެފައިވަނީ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ޚިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ޖާގަދޭނެ ސަރުކާރެއް ނޫން ކަމަށެވެ.