ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ސިޔާސީ ކަންތައްތަކުން ބަރީއަވެގެން ތިބެންޖެހޭނެ ބައެއް ކަމަށާއި، އެހެންނަމަވެސް ސިޔާސީ ހުކުމްތައް ކުރާ ހިސާބަށް ދިޔުމުން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ހުއްޓުވުމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް މިހެން ވިދާޅުވީ ސުޕްރީމް ކޯޓު ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރަން ހުށަހެޅި ބިލުގެ އިބްތިދާއީ ބަހުސްގައެވެ.
"ސިޔާސީ ކަންތައްތަކާމެދު ބަހުސްކޮށް ކަންކަން ނިންމާނީ މިތަނުން. އެހެންކަމުން އެކަންކަމުން ބަރީއަވެގެންވާ ބަޔަކަށް ފަނޑިޔާރުން ވާން އެބަޖެހޭ. އަޅުގަނޑުމެންނަށް ފެނިފައި ވަނީ އެކަން އެގޮތަށް ނުވާތަން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުން ސިޔާސީ ހުކުމްތައް ކުރާ ހިސާބަށް ދިޔުމުން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ހުއްޓުވުމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ އިމްތިޔާޒާއި މެންބަރުންގެ ހައްގުތަކާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހިގެން ނުވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މި ބިލާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ސަރުކާރުގެ ފަރާތުން ބުނަނީ މިއީ ސުޕްރީމް ކޯޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. މި ބިލު މިހާރު ވަނީ ކޮމިޓީ މަރުހަލާއަށް ފޮނުވާފައެވެ.