ފުލުހުންގެ ޖިނާއީ ތަޙްޤީޤުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، ނުފޫޒެއް ފޯރުވިނަމަ މޯލްޑިބްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިން ތިބޭނީ ޖަލުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީން ހުށަހެޅި މައްސަލައަށް ޖަވާބުދާރީވަމުން އިހްސާން ވިދާޅުވީ، ސިޔާސީ ނުފޫޒު ފުލުހުންގެ މައްޗަށް ފޯރުވާނަމަ، ކުރީގެ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައެވެ. އަދި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ބަދަލުގައި، ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން އިހްސާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާބޭސްއަށް ވެރިކަންކުރާ ޕާޓީ، ޕީއެންސީން އެކްސެސްވެ، އެ ޕާޓީއަށް ވަގަށް މެންބަރުން ވެއްދުން ހިމެނެއެވެ.
އިހްސާން އިތުރަށް ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޑީއެންއާރުގެ ތެރެއިން ނަގައި، އެކި ގޮތްގޮތުން ބޭނުންކުރަމުން އައިސްފައިވާ ކަމަށެވެ. އަދި މިކަން ހުއްޓުވުމަށް 2019 ވަނަ އަހަރު މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ނުވެ އޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.