އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހޯމްމިނިސްޓަރު ޢަލީ އިޙްސާން ހާޟިރިކުރެއްވުމުން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަބުރު ގެއްލިއްޖެއެވެ.
އެމްޑީޕީގެ އަބުރު ގެއްލުނީ، ޖަވާބުދާރީވުމަށް އިހުސާނަށް ދެއްވި ވަގުތުގައި އެމަނިކުފާނަށް ކުރި ތުޙުމަތުތަކުގެ ޙަޤީޤަތެއް ނެތް ކަމަށް ދިފާޢުގައި ދެއްކެވި ވާހަކަތަކުގެ ތެރެއިން، އަސްލު ވައްކަން ކޮށް ޑީއެންއާރުގެ ޑާޓާތައް ވަގަށް ނެގީ އެމްޑީޕީން ކަމުގެ ހެކި ދެއްކެވުމާއެކުގައެވެ.
ދާޚިލީ ވަޒީރު އަލީ އިހްސާން ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ޑީއެންއާރު ޑާޓާ ބޭސް ބޭނުންކުރައްވައިގެން އެމްޑީޕީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރެއްވި ހެކި އަދި ފޮޓޯއެއް ހާމަކުރައްވާފައެވެ.
މިއީ އެމްޑީޕީގެ 12 މެންބަރުން އިހްސާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެދި ހުށަހެޅުމުން، އެމީހުން ކުރި ވައްކަންތައް ރައްޔިތުންނަށް ބޭޒާރުވި ކަމަކަށް ވިއެވެ.
މީގެ އިތުރުން، އިހްސާން ވިދާޅުވީ ކުރީގެ ސަރުކާރުގެ ދައުރުގައި އެމްޑީޕީއަށް 520 މީހުން ވަގަށް ވައްދާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް ވަޒީރަކާއި ސުވާލުކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ. އިތުރަށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި "ވޯޓް ވިޔު" ގެ ނަމުގައި ސޮފްޓްވެއަރއެއް ހަދައި، ޑީއެންއާރު، އެންސްޕާ އަދި އާސަންދައިގެ މަޢުލޫމާތު އެމްޑީޕީން ބޭނުންކޮށްފައި ވާކަމަށައި، މުޅި ވޯޓުގެ ނިޒާމް ގަޑުބަޑުކޮށް ރައްޔިތުންގެ އެތައް ޙައްޤެއް އެމްޑީޕީން ވަގަށް ނަގާފައިވާކަން ފަޅާއެރިއެވެ.