ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ޑީއެންއާރު ޑާޓާ ބޭސް ބޭނުންކުރައްވައިގެން އެމްޑީޕީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ފޮޓޯއެއް މިއަދު ރައްޔިތުންގެ މަޖިލީހުގައި, ދާޚިލީ ވަޒީރު އަލީ އިހްސާން ހާމަކުރައްވައިފިއެވެ.
މި ފޮޓޯ ހާމަކުރެއްވީ، ވަޒީރު އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްދަނިކޮށެވެ. އެމްޑީޕީގެ 12 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވި މި މައްސަލައިގައި، އިހްސާންގެ ބެއްލެވުމުގެ ދަށުން ހިންގާ ޑީއެންއާރުގެ ޑާޓާ ބޭސް ބޭނުންކޮށްގެން ވަގަށް ޕީއެންސީއަށް މެންބަރުން ވެއްދި ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
މި ތުހުމަތުތަކަށް ޖަވާބުދާރީވަމުން، އިހްސާން ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގައި، އެމްޑީޕީއަށް ވަގަށް ވެއްދި މީހުންގެ އަދަދު 520 އަށް އަރާ ކަމަށެވެ. އަދި އެ މައްސަލާގައި އެއްވެސް ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ނުވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް މި ފޮޓޯއިން ވަރަށް ސާފު މިއީ ކުރީގެ ފަސްޓްލޭޑީ ފަޒުނާކަން. ކުރިމަތީގައި އެ އޮތީ ޑީއެންއާރުގެ ޑާޓާތައް ބަރާބަރަށް ޕްރިންޓް ކޮށްފައި އޮތް ފައިލެއް. އޭރު މިއިން އެއްވެސް މައްސަލައެއްގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ،" ވަޒީރު އިހްސާން ވިދާޅުވިއެވެ.
މީގެއިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، "ވޯޓް ވިޔު" ގެ ނަމުގައި ކުރީ ސަރުކާރުން ސޮފްޓްވެއަރއެއް ހަދައި، ޑީއެންއާރު، އެންސްޕާ އަދި އާސަންދައިގެ ދަށުގައިހުރި މައުލޫމާތު އޭގައި ހިމެނިކަމުގެ ތުހުމަތު ދަ ޑިމޮކްރެޓްސް ޕާޓީން އޭރު ކުރި ކަމަށް ވެސް އިހްސާން ފާހަގަކުރެއްވިއެވެ.
ވަޒީރު އިހްސާން އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ނޭނގި ރައްޔިތުންގެ ޑީއެންއާރުގެ ތެރެއިން ނަގާ މައްސަލަތައް 2014 ވަނަ އަހަރުން ފެށިގެން ފެންމަތިވަމުން ދިޔަ ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް އީފާސް މެދުވެރިކޮށް ޕާޓީއަށް މެންބަރުން ވެއްދޭގޮތް މިހާރު ހަދާފައިވާ ކަމަށް ވެސް އިހްސާން ހާމަކުރެއްވިއެވެ.