އެކްސްޕެޓް ސިސްޓަމް މައްސަލާގައި ކުރީގެ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާޢީ ތަޙުޤީޤެއް ކުރަން ހުށަހަޅާނަން: ވަޒީރު އިހުސާން

އައިޝަތު ރުވާ ރިފްޢަތު | 17 ދުވަސް ކުރިން - 10:44
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

2019 ވަނަ އަހަރު ބަންގްލަދޭޝުން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލީ އެ ޚިދުމަތްދެމުން ދިޔަ ކުންފުންޏާއި ވާހަކަދެކެވިގެން ނޫންކަމަށް ވަޒީރު ވިދާޅުވި.

އެކްސްޕެޓް ސިސްޓަމް މައްސަލައިގައި ދައުލަތަށް ގެއްލުންވާ ގޮތަށް ކުރީގެ ސަރުކާރުގެ ވެރިން އިހުމާލުވެފައި ވާތީ، އެ ފަރާތްތަކުގެ މައްޗަށް ޖިނާޢީ ތަޙުޤީޤެއް ކުރުމަށް އެދި ހުށަހަޅުއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިފަދައިން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީ ވަމުންނެވެ.

ވަޒީރުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހިމެނޭ މައިގަނޑު އެއް ނުކުތާއަކީ، ރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތް ފޯރުކޮށްދޭ އެކްސްޕެޓް ސިސްޓަމް ހެދި މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއި އައު ސިސްޓަމެއް ހެދުމަށް ހަވާލުކުރި މައްސަލައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވިއެވެ. "މި ބޭފުޅުން މިވިދާޅުވަނީ ދައުލަތަށް 400 މިލިޔަން ރުފިޔާ ގެއްލުންވެއޭ. އަޅުގަނޑު މި ދަންނަވަނީ ދައުލަތަށް 500 އެތައް މިލިޔަން ރުފިޔާ އިތުރަށް ފައިދާވާ ވާހަކަ. މިމައްސަލައިގައި މެންބަރުން ރަނގަޅު ވާހަކައެއް ވިދާޅުވޭ، ދައުލަތަށް ގެއްލުންވާ ގޮތަށް ކަމެއް ކުރައްވާފައި ވާނަމަ މައްސަލަ ބަލަންޖެހޭކަމަށް. މިދިޔަ 5 އަހަރު ތެރޭގައި މިމައްސަލައަށް އިހުމާލުވެ އެއްވެސް ހައްލެއް ނުހޯދާ ދައުލަތަށް ފައިދާ ވާން އޮތް މައްސަލައެއްގައި ގެއްލުންދީފައި ވާތީ ކުރީގެ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާޢީ ތަޙުޤީޤެއް ކުރުމަށް އޭސީސީއަށް ހުށަހަޅާނަން".

ވަޒީރު އިތުރަށް ވިދާޅުވީ، 2019 ވަނަ އަހަރު ބަންގްލަދޭޝުން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލީ އެ ޚިދުމަތް ދެމުން ދިޔަ ކުންފުންޏާއި ވާހަކަ ދެކެވިގެން ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 2022 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށް ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%