މިހާތަނަށް 15000 ގޭބިސީއަށް މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި މަސްދަޅު ކޭސް ބެހުމުގެ ކަންތައްތައް ކުރިއަށްދާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ. އަދި ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ޢާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިއަށް ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސްދަޅު ކޭސް ބަހާނެ ކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދެއްވާފައެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ރޭ އެންމެ ފުރަތަމަ ހަދިޔާ ދޫކޮށްފައިވަނީ ކިއުތަކަށް އެރުމުންނެވެ. ނަމަވެސް އެކަމަށް ލިބުނު ބޮޑު ތަރުހީބާއި ކިއުތަކުގައި މާ ގިނައިރު ރައްޔިތުންނަށް ތިބެން ޖެހުމުން ސަރުކާރުން ވަނީ ޓޯކަން ނަންބަރު ދޫކޮށްގެން ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ކުރަން ފަށާފައެވެ.