ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅުތައް މިރޭވެސް ދޫކުރާއިރު، މިރެއިން ފެށިގެން އެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންނަށް އިތުރު ފަސޭހަތަކާއެކު ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އަދި ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ރޭ އެންމެ ފުރަތަމަ ހަދިޔާ ދޫކޮށްފައިވަނީ ކިއުތަކަށް އެރުމުންނެވެ. ނަމަވެސް އެކަމަށް ލިބުނު ބޮޑު ތަރުހީބާއި ކިއުތަކުގައި މާ ގިނައިރު ރައްޔިތުންނަށް ތިބެން ޖެހުމުން ސަރުކާރުން ވަނީ ޓޯކަން ނަންބަރު ދޫކޮށްގެން ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ކުރަން ނިންމާފައެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓޯކަން މެދުވެރިކޮށް 22 ފެބުރުވަރީ ދުވަހުގެ ރޭ، ވަރަށް އޮމާންކޮށް އަދި ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްގެންދެވުނު ކަމަށެވެ. އަދި އިތުރަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިރޭ 18:00 ގައި ޓޯކަން ދޫކުރުން އަލުން ފަށާއިރު އަންނަވި ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
- ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ ޢަދަދު ރެޔަށްވުރެ އިތުރުކުރުން.
- މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީޚަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީޚު (އަވަސްކޮށް) ރީޝެޑިއުލްކުރުމުގެ ފުރުޞަތު ދިނުން.
- ޓޯކަން ނެގުން ފަދަ ކަމެއްގައި ޙައްލުކޮށްލަންޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ޙައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
މިނިސްޓަރ ވިދާޅުވީ މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިޔަށްގެންދެވޭނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށްވުމާއެކު، ހުރިހާ ގޭބިސީއަކަށް ލިބެންދެން ރޯދަ ހަދިޔާ ދޫކުރާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.