މާލޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޖުމްލަ 8 ވެހިކަލަކަށް ގެއްލުންވެއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އަމީނީ މަގު ގާކޮށި ފްލެޓް ސަރަހައްދުގައި މިއަދު ހެނދުނު 07:50 ހާއިރުއެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސައިކަލްތަކެއްގައާއި އަދި އިތުރު ކާރެއްގައި ޖެހުމުގެ ސަބަބުންނެވެ.
އެކްސިޑެންޓުގައި ގެއްލުންވި އުޅަނދުތަކުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓުނު ކާރާއި އަދި އޭތި ޖެހުނު ކާރުގެ އިތުރުން، ޕާކުކޮށްފައި ހުރި 6 ސައިކަލެއް ހިމެނެއެވެ.
މި ހާދިސާގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާއިރު، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރު ވެސް ފެންނަން ހުއްޓެވެ. ފުލުހުން ދަނީ މި ހާދިސާއާ ގުޅޭ ތަޙުޤީޤު ކުރަމުންނެވެ.