ޕޯސްޓް އޮފީހުގެ ކުރީގެ މެނޭޖްމަންޓުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެއްޖެ

އާނާ ފަހީމް | 17 ދުވަސް ކުރިން - 23:01
ޕިކް ޕޯސްޓް ސްޓޭޝަން: ޕޯސްޓް އޮފީހުގެ ކުރީގެ މެނޭޖްމެންޓުން ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވޭ / ފޮޓޯ: ޚުލާސާ
ޕިކް ޕޯސްޓް ސްޓޭޝަން: ޕޯސްޓް އޮފީހުގެ ކުރީގެ މެނޭޖްމެންޓުން ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވޭ / ފޮޓޯ: ޚުލާސާ
ޚުލާސާ

ގަވާއިދާއި ޚިލާފަށް މުވައްޒަފުން ނެގުމާއި، މުދާ ސަޕްލައިކުރުން ޤުރުއާން ކްލާހަކާއި ހަވާލު ކުރުންފަދަ ކޮރަޕްޝަންގެ އަމަލުތަކެއް ޕޯސްޓު އޮފީުގެ ކުރީގެ މެނޭޖްމެންޓުން ހިންގާފައިވާކަން ހާމަވެއްޖެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކޮރަޕްޝަނުގެ އެތައް ޢަމަލުތަކެއް ހާމަވެއްޖެއެވެ. މި ކަންކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވާގޮތުގައި، ކުރީގެ މެނޭޖްމަންޓުން ވަނީ ވަޒީފާއަށް އިޢުލާން ނުކޮށް، އިންޓަވިއު ކުރުމެއް ވެސް ނެތި، 49 މީހަކަށް ވަޒީފާ ދީފައެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ވަރަށް ސީނިއަރ މަގާމުތައް ދީ، ކުންފުނީގެ ގިނަ ދުވަސްވީ ވެރިންނަށާއި މުވައްޒަފުންނަށް ވުރެ ބޮޑު މުސާރަ ދީފައިވާކަން ފާހަގަކޮށްފައި ވެއެވެ.

އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤާއިމްކޮށްފައިވާ ޕޯސްޓް އޮފީހުގެ ފިހާރައަށް މުދާ ސަޕްލައިކުރުމުގެ އެއްބަސްވުމެއް ޖަމްޢިއްޔަތު ތަޙްފީޒްލް ޤުރުއާނުލް ކަރީމް ކިޔާ ޤުރުއާން ހިތުދަސްކޮށްދޭ ކުލާހަކާއިއެކު ހަދާފައިވާ ކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް މިހާރުގެ މެނޭޖްމަންޓުން އެ އެއްބަސްވުން އުވާލާފައި ވާކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، ސިޔާސީ މުވައްޒަފުންނަށް ގަޑި ނުޖެހުމުން ދޭ ފައިސާ "ގަޑި ލާރި" ދިންކަމަށާއި، ސިންގަލް ސޯސްކޮށްގެން ބޮޑު އަގުގައި ކުންފުނީގެ އެއަރކޯން ސިސްޓަމް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭރުގެ ކުންފުންޏަކާއިއެކު އެއްބަސްވުމެއް އެކުލަވާލާފައި ވާކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ޕޯސްޓް އޮފީހުން ނެރުނު ބަޔާނުގައި، މިހާރުގެ މެނޭޖްމަންޓާއި މެދު ކުރެވޭ ބައެއް ތުހުމަތުތައްވެސް ދޮގުކޮށްފައިވެއެވެ. މީގެ ތެރޭގައި ޤާބިލު ނޫން މީހުން ކުންފުނި ހިންގާކަމަށް ބުނެ ކުރާ ތުހުމަތާއި، މެނޭޖިން ޑިރެކްޓަރގެ ގާތް މުވައްޒަފުންނަށް ޕްރޮމޯޝަން ދޭކަމަށް ބުނެ ދައްކާ ވާހަކަތައް ހިމެނެއެވެ.

ޕޯސްޓް އޮފީހުގެ އިތުރުން މިދިޔަ ސަރުކާރުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެތައް ޢަމަލެއް އެހެން ކުންފުނިތަކުން ވެސް ހިންގާފައިވާކަން ހާމަވެފައިވެއެވެ.

މި މައްސަލަތަކާއި ގުޅިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތަޙުޤީޤުތައް ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%