މަސްދަޅު ކިއޫއަށް ހައްލު ލިބިއްޖެ - މިހާރު ޑިޖިޓަލް ނިޒާމެއް!

ހުސައިން އިސްމާއިލް | 65 ދުވަސް ކުރިން - 22 ފެބްރުއަރީ 2025 10:14
މަސްދަޅު ކިއޫއަށް ހައްލު ގެނައުމަށް ޑިޖިޓަލް ނިޒާމެއް ހަމަޖައްސައިފި. / ފޮޓޯ: ޚުލާސާ
މަސްދަޅު ކިއޫއަށް ހައްލު ގެނައުމަށް ޑިޖިޓަލް ނިޒާމެއް ހަމަޖައްސައިފި. / ފޮޓޯ: ޚުލާސާ
ޚުލާސާ

މޮބައިލް ފޯނު ބޭނުންކުރަން ދަތި މީހުންނަށް ވެސް މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ.

ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ދޫކުރާ މަސްދަޅުތައް މާލެ ސަރަހައްދުގައި ބެހުމަށްޓަކައި އޮންލައިން ޓޯކަން ނިޒާމެއް ތަޢާރަފުކުރަން ސަރުކާރުން ނިންމައިފިއެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހު މަސްދަޅު ބެހުމުގައި ދިމާވި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ މި އައު ނިޒާމުގެ ދަށުން، ރައްޔިތުންނަށް ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މިގޮތުން ނަގާ ޓޯކަނަކުން އެ ރެއެއްގައި އެ މަރުކަޒަކުން މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، މި ނިޒާމުގެ ތަފްސީލު އިތުރަށް އާންމުކުރާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

މާލެ ސަރަހައްދުގައި ޖުމްލަ 13 މަރުކަޒަކުން މަސްދަޅު ބެހުމަށް ހަމަޖެހިފައިވާއިރު، އެކި މަރުކަޒުތަކުން ޓޯކަން ދޫކުރާ އެކި ޢަދަދަށެވެ.

"މިސާލަކަށް، މިފްކޯ މައި އިމާރާތާއި އެމްޓީސީސީ ސޯމިލުން 200 ޓޯކަން ދޫކުރާއިރު، ގަލޮޅު ދަނޑުގެ ހަތަރު ސެޓަޕަކުން ކޮންމެ ސެޓަޕަކުން 50 ޓޯކަން ދޫކުރެވޭނެ" ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުންޏެވެ.

މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މި މަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން 12 އަށެވެ. މަސްދަޅު ނަގަން އަންނައިރު އެއް މަހުގެ ކަރަންޓު ބިލާއި އައިޑީ ކާޑު ގެންނަން ޖެހޭނެއެވެ. އަދި އެކަކަށް ގިނަވެގެން ދޫކުރެވޭނީ ތިން މީޓަރަށް ތިން މަސްދަޅު ކޭހެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ މޮބައިލް ފޯނު ބޭނުންކުރަން ދަތި މީހުންނަށް ވެސް މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%