އޮސްދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު އެވޯޑް، އޮސްކާގެ ނޮމިނީސްތަކަށް މިއަހަރު ދޭ އަގުހުރި ހަދިޔާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޗުއްޓީ ދަތުރެއް ހިމަނައިފިއެވެ.
އަންނަ މަހު ބާއްވާ 97 ވަނަ އެކަޑަމީ އެވޯޑްސްގެ "ސްވޮގް ބޭގް" ގައި ހިމެނޭ ދެ މިލިއަން ޑޮލަރުގެ އަގުހުރި ހަދިޔާތަކުގެ ތެރޭގައި، 16،000 ޑޮލަރުގެ ރާއްޖޭގެ ޗުއްޓީ ދަތުރެއް ހިމެނޭއިރު މި ދަތުރު ހަމަޖައްސާފައިވަނީ ރ. އަތޮޅުގައި ހުންނަ ޖޯލި މޯލްޑިވްސް އަދި ޖޯލި ބީން ރިސޯޓުތަކަށެވެ. ޕެކޭޖުހައި 4 ރޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބެއެވެ.
ޓިމޮތީ ޗަލަމެޓް، އަރިއާނާ ގްރާންޑޭ، ސިންތިއާ އެރިވޯ، ސެބެސްޓިއަން ސްޓޭން އަދި މިކީ މެޑިސަން ފަދަ މަޝްހޫރު ފަންނާނުންނަށް މި ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، ލޮސް އެންޖެލިސްގެ އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަންނާނުންނަށް އެއް މިލިއަން ޑޮލަރުގެ އެހީއެއް،ވެސް ދޭން ހަމަޖައްސާފައި ވެއެވެ.
މިއަހަރުގެ އޮސްކާ އެވޯޑްސްގައި ނެޓްފްލިކްސްގެ ފިލްމުތަކަށް 16 ނޮމިނޭޝަން ލިބިފައިވާއިރު، އޭޓުވެންޓީފޯ ސްޓޫޑިއޯއަށް 14 އަދި ޔުނިވާސަލް ސްޓޫޑިއޯސްއަށް 13 ނޮމިނޭޝަން ލިބިފައިވެއެވެ. އެންމެ މޮޅު ފިލްމުގެ ގޮތުގައި 10 ފިލްމެއް ނޮމިނޭޓްވެފައިވެއެވެ.