ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގެއަކަށް ދޭން ނިންމި މަސްދަޅު ކޭސް ބެހުމަށް މާލެ ސަރަހައްދުގައި 13 ތަނެއް ހަމަޖައްސައިފިއެވެ. މިކަން އިއުލާންކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފެވެ.
އާދަމް ޝަރީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގައި ގިނަ ބަޔަކު ކިއުގައި ތިބެން ޖެހުމުން އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ. އެހެންކަމުން، މަސްދަޅު ބެހުމުގައި އުޅޭ މީހުން އިތުރުކޮށް، އިންތިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްދަޅު ބަހާ 13 ތަނުގެ ތެރޭގައި ހިމެނެނީ؛
- ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑި ބަރި ކައިރި،
- ސޯޝަލް ސެންޓަރު،
- ހެންވޭރު ދަނޑު،
- މިފްކޯގެ އޮފީސް ހުންނަ ސަރަހައްދު،
- އެމްޓީސީސީ ސޯމިލް،
- ވިލިމާލެ ވެމްކޯ ސައިޓް،
- ހުޅުމާލޭގެ އުމަރު ޒާހިރު ބިލްޑިންގ އަދި
- ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި 2 ގައި އިތުރު ދެ ތަނެއްވެސް ހަމަޖައްސާފައިވެއެވެ.
ރޭގެ ވަގުތުތަކުގައި މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުނު ގޮތުގެ ތަފްސީލު ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ވިލިމާލޭގައި 582 ކޭސް، އެމްޓީސީސީ ސޯމިލްގައި 2،083 ކޭސް، މިފްކޯގައި 3،666 ކޭސް، ހިޔާ ފްލެޓް 10 ގައި 1،555 ކޭސް އަދި އުމަރު ޒާހިރު ބިލްޑިންގްގައި 1،508 ކޭސް ބަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ދިގު ކިއޫއަށް ނޭރިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެބްރުއަރީ 28 ގެ ނިޔަލަށް މިކަން ކުރިއަށް ދާނެ ކަމަށް ކުރިން އިއުލާން ކުރި ނަމަވެސް ހުރިހާ ގޭބިސީއަކަށް ލިބެންދެން މިކަން ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް މަސްދަޅު ބަހާއިރު، ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ މަސްކޭހެކެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. މަސްދަޅު ކޭސް ބަލާ ދާ މީހާ އައިޑީ ކާޑާއި ކަރަންޓު މީޓަރު ނަންބަރު ގެންދަން މަޖުބޫރެވެ.
މި އަހަރުގެ ރޯދަމަހު މަސްދަޅު ކޭސް ގޭގެއަށް ބަހާއިރު، މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައެވެ. އޭރު ކޮންމެ ގެއަކަށް ވެސް ދިނީ 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެއެވެ.