ނަފުސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕުލައިނަށް އަހަރެއްގެ ތެރޭގައި 3000 އަށްވުރެ ގިނަ ކޯލު

އާނާ ފަހީމް | 20 ދުވަސް ކުރިން - 17:27
ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން ނަންބަރު 1677
ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން ނަންބަރު 1677
ޚުލާސާ

ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން ނަންބަރުން 24 ގަޑިއިރު މެދުނުކެނޑި، ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެ.

ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ނަފުސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން މެދުވެރިކޮށް 3000އަށް ވުރެ ގިނަ ފޯނުކޯލަށް ޖަވާބު ދީފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ޞިއްޙީ ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން ނަންބަރު 1677 އަށް ޖުމްލަ 3,651 ފޯނު ކޯލު ލިބިފައިވެއެވެ. މީގެ ތެރެއިން 53 މީހަކަށް ވަނީ ނަފުސާނީ އެހީ ހޯދުމަށް ލަފާދީ، އެހީތެރިކަން ފޯރުކޮށްދީފައެވެ.

ނަފުސާނީ ކަންކަން ދިމާވެފައިވާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް މި ހެލްޕްލައިން އިފްތިތާޙު ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ވަޢުދުތަކުގެ ތެރެއިން ވަޢުދެކެވެ.

ޞިއްޙީ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ހެލްޕްލައިންގެ މަޤުޞަދަކީ ނަފްސާނީ އެކި އުނދަގޫތައް ހުންނަ އެކި ޢުމުރުފުރައިގެ މީހުންނަށް 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ހެލްޕްލައިން މެދުވެރިކޮށް އެހީއަށް އެދޭ މީހުންނަށް މައްސަލަ ހައްލުކުރުމުގެ އެހީތެރިކަމާއި މަޢުލޫމާތު ދިނުމާއި އިތުރު އެހީއެއް ބޭނުންވާނަމަ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޚިދުމަތްތަކަށް ލަފާދެވޭ ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ދަތިތައް ރާއްޖެއަށް ކުރިމަތިވެފައި ވީނަމަވެސް، ސަރުކާރުން ދަނީ މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. މި ހެލްޕްލައިނަކީ އެފަދަ މަސައްކަތުގެ މުހިންމު ބައެކެވެ.

ޞިއްޙީ ވުޒާރާއިން އާންމުންނަށް ގޮވާލާފައި ވަނީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން 1677 އަށް ގުޅުމަށެވެ. އަދި މި ޚިދުމަތަކީ 24 ގަޑިއިރު ލިބެން ހުންނާނެ ހިލޭ ޚިދުމަތެއްކަން ފާހަގަކޮށްފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%