އިސްރާއީލާއި ހަމާސް އާއި ދެމެދު ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، މާދަމާ މިނިވަން ކުރަން ކުރިން ހަމަޖެއްސި ތިން މީހުންގެ އިތުރުން، އިތުރު ތިން މީހުން (ޖުމްލަ 6 މީހުން) ދޫކޮށްލާނެ ކަމަށް ހަމާސް އިން ބުނެފިއެވެ.
މާދަމާ ދޫކޮށްލާނެ ހަ އަސީރުންގެ މަޢުލޫމާތު ވެސް ހަމާސްއިން ވަނީ އާންމުކޮށްފައެވެ. މާދަމާ މިނިވަން ކުރާނެ އަސީރުންނަކީ:
1. ތަލް ޝޮހަމް
2. އޮމެރް ޝެމް-ޓޯވް
3. އެލިޔާ ކޯހެން
4. އޮމެރް ވެންކާޓް
5. އަވެރަ މެންގިސްޓޫ
6. ހިޝާމް އަލް-ސައީދު
މި މީހުންގެ ތެރެއިން ދެ މީހަކު ރަހީނުކޮށްގެން ގެންގުޅޭތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ބާކީ ތިބި މީހުން ރަހީނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ.
އިސްރާއީލުން މަޢުލޫމާތު ދިންގޮތުގައި، މި މީހުން ދޫކޮށްލާނެކަން އެ މީހުންގެ އާއިލާތަކަށް މިހާރު ވަނީ އަންގާފައެވެ. މިއީ ހަމާސްއާއި އިސްރާއީލާއި ދެމެދު ގާއިމުކުރި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިނިވަން ނުކޮށް ތިބި އަސީރުންނެވެ.
މީގެ ކުރިން، ހަމާސްއިން ރަހީނުކޮށްގެން ގެންދިޔަ އަސީރުންގެ ތެރެއިން އިސްރާއީލްގެ ވައިގެ ހަމަލާއެއްގައި މަރުވެފައިވާ ހަތަރު އަސީރެއްގެ ހަށިގަނޑު އިއްޔެ ވަނީ އިސްރާއީލާއި ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި އިސްރާއީލްގެ އަންހެނަކާއި އޭނާގެ ދެ ކުޑަކުދިންނާއި އެއް ފިރިހެނެއްގެ ހަށިގަނޑު ހިމެނެއެވެ.