ކުރިއަށް އޮތް ރަމަޟާން މަހަކީ، ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ނުހަދާ، އޭގެ ބަދަލުގައި، ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެމައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ މަހަކަށް ހެދުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
ޚުޠުބާގައި ބުނީ އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ މައްސަރެއް ކަމަށާއި، މި ބަރަކާތްތެރި މައްސަރުގެ ޘަވާބާއި ދަރުމަ ހޯދުމަށް އަހަރެމެން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެ، ފުރިހަމަ އިސްތިޤުބާލަކުން އެ މައްސަރާ އިސްތިޤުބާލުކުރަން ޖެހޭ ކަމަށެވެ.
ޚުޠުބާގައި ބުނީ މި ބަރަކާތްތެރި މައްސަރާ އަހަރެމެން ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރަން ޖެހޭކަމަކީ، އަހަރެމެންގެ ޙަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވެގެންވާ ޙާލު މި މަތިވެރި މައްސަރާ ބައްދަލުކުރުން ކަމަށެވެ. މި ބަރަކާތްތެރި މައްސަރުގެ ދުވަސްތަކާ އަހަރެމެން ކުރިމަތިލާންވާނީ، ފުރިހަމަ އީމާންކަމާއެކު، އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދޭ ޙާލުގައި ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި، ރަމަޟާންމަހާ އަހަރެމެން ކުރިމަތިލާންވާނީ، އެ މައްސަރުގެ ތަރުބަވީމަދަރުސާއިން ނަފުސުތައް އިޞްލާޙުކޮށް، ޙަޔާތުގެ އާ ޞަފުޙާތަކެއް ހުޅުވައިލުމުގެ މަތިވެރި ޢަޒުމާ އެކުގައި ކަމަށް ޚުޠުބާގައި ބުންޏެވެ. ނަފުސު ހެޔޮ ކަންކަމަށް ތަރުބިޔަތުކޮށް، ހޭނުވުމަށް އެއަށްވުރެ ވަކީން ރަނގަޅު ފޯވައްސެއް ނުލިބޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ.
ރަމަޟާން މަހަކީ تَقْوَىވެރިކަމަށް ވާޞިލުކޮށްދޭ ހުރިހައި ސަބަބުތަކެއް އެ މަހެއްގައި ޖަމާވާ މައްސަރަކަށް ވީއިރު، އަހަރުގެ އެހެން މަސްތަކާ ޚިލާފަށް އަޅުކަމުގައި މުރާލިކަން އިތުރުކޮށް، ވަރުގަދަ ޢަޒުމަކާއެކު އެ މައްސަރާ ކުރިމަތިލާން ޖެހޭ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ ނަމަކަށް ރޯދަ ހިފައިފި ނަމަ، އެ މަސް އެއްކޮށް ބޭކާރު ކޮށްލެވުނީ ކަމަށެވެ. ރަމަޟާން މަހާ ބައްދަލުކުރާ އިރު އެންމެ އިސްކަމެއް ދޭންޖެހޭނީ، އެ މަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ޙާޞިލުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ކަމަށް ޚުޠުބާގައި ބުންޏެވެ.
ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި، ކުރާންވީ ކަންކަމުގެ ތެރޭގައި، ހާރު ކެއުން ފަސްކުޅައުމާއި، ފަރުޟު ނަމާދުތަކަށާއި، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި، ކީރީތި ޤުރްއާން ކިޔަވާ އިރު، ޤުރްއާނާ މެދު، ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން ދުޢާކުރުން ހިމެނެއެވެ. އަނބިދަރީންނާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެއު ފޯރުވައި އިޙްސާންތެރިވެ އުޅުމާއި، ވަގުތުވުމުން ރޯދަވީއްލުން އަވަސްކުރުމާއި، ގިނަގިނައިން ޞަދަޤާތްކުރުން ހިމެނެއެވެ. ތަރާވީޙު ނަމާދާއި ރޭއަޅުކަންކުރުން ފަދަ ކަންކަމަށް ޖާގަ ލިބޭނޭ ގޮތަށް ކަންކަން ރާވައިލައިގެން ރަމަޟާންމަހާ ބައްދަލުކޮށްފި ނަމަ، އެންމެ ފުރިހަމަ ގޮތުގައި، މި މަތިވެރި ފޯވަހީގެ ބޭނުން ހިފޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިންމު ކަމަކީ، އެމަހަށް ތިމާގެ ނަފުސު ހޭނުވުން ކަމަށެވެ. ރަމަޟާން މަސް އަހަރެމެންނާ ބައްދަލުވުމުގެ ކުރީން ފާއިތުވީ ރަމަޟާން މަހުގެ ރޯދައެއް ނުހިފިވާ ނަމަ، އެ ރޯދައެއް ހިފުމަކީ ވާޖިބު ކަމެއް ކަމަށާއި، އަދި ރޯދައިގެ މަތިވެރި އަޖުރުން އެއްވެސް މިންވަރެއް އުނިނުވެ، ރޯދަހިފޭނޭ ގޮތަކަށް އަހަރެމެން ރޯދަމަހާ ބައްދަލުކުރުމަށް ތައްޔާރު ވާންޖެހޭ ކަމަށް ޚުޠުބާގައި ބުންޏެވެ.
ރޯދައިގެ ދަރުމައާއި ޘަވާބު މިހާ މަތިވެރިވެގެންވީ އިރު، ފުރިހަމަ ގޮތުގައި މި އަޅުކަން އަދާކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށް ޚުޠުބާގައި ބުންޏެވެ. އެގޮތުން ރޯދައަށްހުރެ، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރައިރުންވުމާއި، ފުރައްސާރަކުރުމާއި، ބާޠިލު ވާހަކަދެއްކުމާއި، އެފަދަ ވާހަކަތައް އަޑުއެހުމަކީ ވެސް ރޯދައިގެ ޘަވާބަށް އުނިކަން އަންނާނެ ކަންކަން ކަމަށް ޚުޠުބާގައި ބުންޏެވެ.