ރަމަޟާން މަހަށް ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ހޯދުމަށް ގިނަ ބަޔަކު މިރޭ މާލެ ސަރަޙައްދުގައި ކިއޫ ހެދުމާ ގުޅިގެން މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި ޢާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން ޢާންމު ކުރައްވާނެ ކަމަށެވެ.
މިނިސްޓަރ ވަނީ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި ރައްޔިތުން ދެއްވި އެއްބާރު ލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށްވެސް ވިދާޅުވެފައެވެ.
ކޮންމެ ގޭބީސީއަކަށް ވެސް 48 ދަޅުގެ މަސްކޭހެއް ހަދިޔާކުރާއިރު، ހަދިޔާ ބަހަނީ ކަރަންޓު ބިލާއި އައިޑީ ކާޑު ބެލުމަށް ފަހުގައެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުން. / ފޮޓޯ: ޚުލާސާ
މަސްދަޅު ކޭސްތައް ބެހުމަށް މިހާރު ހަމަޖެހިފައިވާ ތަންތަނަކީ:
- މިފްކޯގެ އޮފީސް ހުންނަ ސަރަޙައްދު
- އެމްޓީސީސީ ސޯމިލް
- ވިލިމާލެ ވެމްކޯ ސައިޓް
- ހުޅުމާލެ އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލޭ ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރު
އެސްޓީއޯއިން ބުނީ މާދަމާއަކީ ހުކުރު ދުވަހަށްވާތީ މާދަމާ މަސްދަޅު ކޭސް ނުބަހާނެ ކަމަށެވެ. ދެން މަސްދަޅު ކޭސްތައް ބަހަން ފަށާނީ ހޮނިހިރު ދުވަހުއެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުން. / ފޮޓޯ: ޚުލާސާ
މަސްދަޅު ކޭސްތައް ބެހުމަށް ކަނޑައަޅާފައިވާ ގަޑިތަކަކީ:
- ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް.
- އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް މެންދުރު ފަހު 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް.
މި އަހަރުގެ ރޯދަ މަހު ކޮންމެ ގެއަކަށް ވެސް ހަދިޔާއެއްގެ ގޮތުގައި މަސް ކޭހެއް ދޭނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.