އިޖްތިމާޢީ ޢަދުލުވެރިކަން ހާސިލްކުރުމަށް ރައްޔިތުންގެ ބައިވެރިވުން މުހިންމު

ހުސައިން އިސްމާއިލް | 22 ދުވަސް ކުރިން - 12:19
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު / ފޮޓޯ: ޕީއެސްއެމް
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

އިޖްތިމާޢީ ޢަދުލުވެރިކަން ހާސިލުކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން. އެކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ.

އިޖްތިމާޢީ ޢަދުލުވެރިކަން ހާސިލުކުރުމަށްޓަކައި ކޮންމެ ރައްޔިތެއްގެވެސް ބައިވެރިވުން މުހިންމު ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އިޖްތިމާޢީ ޢަދާލަތުގެ ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އިޖްތިމާޢީ ޢަދުލަކީ ސުލްޙަވެރި ފާގަތި ޤައުމެއްގެ މައިގަނޑު އަސާސެވެ. މި އަސާސްގެ މައްޗަށް ބިނާވާ މުޖުތަމަޢެއް އުފެއްދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ޒުވާނުންގެ ހުނަރާއި ޤާބިލުކަން ޒަމާނާއި އެއްވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން އަޒުމު ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން، މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި، އެކަހެރިވެ ބާކީވެފައިވާ ކުދި މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ އިޖްތިމާޢީ ޢަދުލުވެރިކަން ހާސިލުކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަމުގައި މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، މަދަނީ މުޖުތަމަޢުގެ އިތުރުން ކޮންމެ ރައްޔިތެއްގެ ބައިވެރިވުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެ ވަނީ 2024 ވަނަ އަހަރު "ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް" ގެ މެންބަރަކަށް ވެފައެވެ. މިއީ ތަފާތުކުރުމެއް ނެތި އެންމެހައި ރައްޔިތުން ޝާމިލުވާ ތަރައްޤީއާއި، އެންމެހައި ފަރުދުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް ދިވެހިރާއްޖެއިން ވެފައިވާ ވަޢުދުގެ ރަމްޒެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%