ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުން ފާސް ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަތުރުވެރިކަމާބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ އެއްކުރައްވައި، އެ ވުޒާރާގެ ވަޒީރަކަށް ޠާރިޤް އިބްރާހީމް އައްޔަން ކުރެއްވީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އޭރު ވަޒީރު ޠާރިޤު ހުންނެވީ ތިމާވެށްޓާބެހޭ ވަޒީރުގެ މަޤާމުގައެވެ.
ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ވެސް ވަނީ ވަޒީރު ޠާރިޤަށް ރުހުން ދިނުމަށް ފެންނަކަމަށް ފާސްކޮށްފައެވެ. މަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކެވި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި، އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ ވަޒީރު ޠާރިޤަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ވިދާޅުވެ ތާއީދުކުރައްވާފައެވެ.
މި ބަދަލާ ގުޅިގެން:
- އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އރވް އޮފީސް
މި ތަންތަނަކީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ތަންތަނުގެ ގޮތުގައި ހަމަޖައްސަވާފައިވެއެވެ.
ޤާނޫނުގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްފަހު، އެ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ހުށަހަޅަންޖެހެއެވެ. ވަޒީރުންނަށް ޤާނޫނީ ބާރުވެރިކަން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.