ރޯދައަށް ތައްޔާރުވުމަށް ކުރާ ކަންތައްތަކަކީ ދިވެހީންގެ އާދަކާދަ އާއި، އިޖުތިމާއީ ގުޅުމުގެ ވަރުގަދަ ރަމްޒެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ތައިސޭކޮށީގެ ފުޓްސަލް ދަނޑުގައި "ރޯދަ ސާފު"ގެ ނަމުގައި މާލެ ސާފުކުރުމަށް މިއަދު ބޭއްވި ޙަރަކާތް ފައްޓަވައި ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
"މި ބާވަތުގެ ކޮންމެކަމެއްގައި އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން މިއަދު ވެސް އަޅުގަނޑުމެނަށް އެބަފެނިގެންދޭ. ދިވެހީންނަކީ އަބަދުވެސް އިޖުތިމާއި ކަންކަމުގައި ވަރަށް ބޮޑަށް އެކަތިގަނޑަކަށް ވެގެން، އެއްރޫހެއްގައި މަސައްކަތް ކުރާބައެއް," ވަޒީރު ވިދާޅުވިއެވެ.
މި ޙަރަކާތުގައި މާލޭގެ އެކި ސަރަޙައްދުތައް ސާފުކުރުމަށް 5 ގުރޫޕަކަށް ބަހާލައިގެން މަސައްކަތް ކުރިއެވެ. މީގެ ތެރޭގައި އާޓިފިޝަލް ބީޗް، އުސްފަސްގަނޑު، އިންޑަސްޓްރިއަލް ޒޯން، ޕޯޓްސް ލިމިޓެޑް އަދި ސަލްމާން މިސްކިތް ސަރަޙައްދު ހިމެނެއެވެ.
"ރޯދަ ސާފު" ޙަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި، ކުންފުނިތަކާއި، އަދި އާންމު ރައްޔިތުން ބައިވެރިވިއެވެ. މީގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި އެހެނިހެން ގިނަ މުއައްސަސާތައް ހިމެނެއެވެ.
މި ޙަރަކާތަކީ ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން އަދި މާލެ ސިޓީ ސާފުކޮށް ރީތި ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ޙަރަކާތެކެވެ. މިފަދަ ޙަރަކާތް ތަކުން ދިވެހީންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރަށް ބަދަހި ވެގެންދާކަން ފާހަގަކު ރެވެއެވެ.