ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސިފައިންނަށް ފްލެޓް އަޅައިދިނުމަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ހިންގި މަޝްރޫޢުގެ އޮޑިޓެއް ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ފަރާތުން އޮޑިޓަރ ޖެނެރަލަށް އަންގަވައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ސިފްކޯއިން ސިފައިންނަށް 300 ފްލެޓް އަޅައިދީފައިވެއެވެ. މަޖިލީހުން ފޮނުވި ސިޓީއެއްގައި، އޮޑިޓްގައި ބަލަންވީ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ސިފައިންނަށް ފްލެޓް އަޅައިދިނުމަށް ސިފްކޯއަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާގެ އަދަދާއި، ސަރުކާރުން ދީފައިވާ ފައިސާ، އަދި މަޝްރޫޢުގެ ކޮންޓްރެކްޓަރުންނާއި ސަބް ކޮންޓްރެކްޓަރުންނަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލްތައް ހިމެނެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެ މަސައްކަތް ނިންމާނެ ތާރީޚެއް ކުރިއަށް އޮތް އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މަޖިލީހަށް އެންގުމަށްވެސް ސިޓީގައި އެދިފައިވެއެވެ.
މި އޮޑިޓަށް އެދިފައިވަނީ ހުޅުމާލޭގައި ފުލުހުންނަށް ފްލެޓް ހަދައިދިނުމުގެ މަޝްރޫޢުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވުމާއި ގުޅިގެންނެވެ. ފުލުހުންގެ ފްލެޓް މަޝްރޫޢުގައި މިހާތަނަށް އެއް ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މިއީ 355 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ މަޝްރޫޢެއްކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަޙުޤީޤެއް މިހާރު ވަނީ ފަށާފައެވެ.