ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ސާފު" ހަރަކާތް މުޅި ރާއްޖޭގައި ބާއްވަނީ

އައިޝަތު ރުވާ ރިފްޢަތު | 29 ދުވަސް ކުރިން - 12:01
މާލޭ މަގުމަތި/ ފޮޓޯ: ޚުލާސާ
މާލޭ މަގުމަތި/ ފޮޓޯ: ޚުލާސާ
ޚުލާސާ

މި ހަރަކާތުގައި އެކި މުއައްސަސާތަކާއި ކުންފުނިތަކާއި އޮފީސްތަކުގެ ބައިވެރިވުމާއެކު މާލެ ސަރަހައްދާއި އަތޮޅުތަކުގައިވެސް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެ.

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ސާފު" ގެ ނަމުގައި މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ގުޅިގެންނެވެ. މި ހަރަކާތުގައި އެކި މުއައްސަސާތަކާއި ކުންފުނިތަކާއި އޮފީސްތަކުގެ ބައިވެރިވުމާއެކު މާލެ ސަރަހައްދާއި އަތޮޅުތަކުގައި ވެސް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި މާލޭގައި މި ހަރަކާތް ކުރިއަށްދާނީ 40 މުއައްސަސާއެއްގެ ބައިވެރިވުމާއެކު 5 ސަރަހައްދަކަށް ބަހާލައިގެންނެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި އުސްފަސްގަނޑު، އިންޑަސްޓްރިއަލް ޒޯން، އާޓިފިޝަލް ބީޗް އަދި ކަސްޓަމްސް ސަރަހައްދު ހިމެނެއެވެ. އަދި މަގުމަތީގައި ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް ޕޮލިހުން ކުރިއަށް ގެންދާނެއެވެ.

ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ހަރަކާތް ކުރިއަށްދާނީ ހެނދުނު 6:30 އިން މެންދުރު 12:00 އާ ހަމައަށެވެ. އެމްއޭސީއެލްގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ސާފުކުރުމުގެ ހަރަކާތެއް ވެސް އޮންނާނެ ކަމަަށެވެ. އަދި މި މަހުގެ 22 ވަނަ ދުވަހު ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާނެއެވެ.

މީގެ އިތުރުން، ބައެއް މަދަނީ ޖަމްޢިއްޔާތަކުން ވެސް ވަނީ މާލޭގެ ބައެއް ސަރަހައްދުތައް ސާފުކުރުމަށް އިސްނަގާފައެވެ. އެގޮތުން އީގަލްސް ކޮމިޔުނިޓީ އާއި މަންފާ ޖަމްޢިއްޔާ ގުޅިގެން އަންނަ ހޮނިހިރު ދުވަހު މާލޭގެ އީގަލްސް ސަރަހައްދު ނުވަތަ ވެސްޓް ޕާކު ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ބާއްވާނެއެވެ. މި ހަރަކާތުގައި ބާވެފައިވާ މުޞްހަފުތައް ނައްތާލުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލާއި ވެމްކޯގެ އެހީތެރިކަމާއެކު ކުރިއަށްދާނެއެވެ.

"ރޯދަ ސާފު" ހަރަކާތަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ މުހިންމު މަސައްކަތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތައް ސާފުކޮށް، ރަމަޟާން މަހަށް އެކަށީގެންވާ މާޙައުލެއް ޤާއިމުކުރުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%