ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕްރިވެންޓިވް ހެލްތް ކެއާ ޕްރޮގްރާމް މިއަހަރު ފެށޭނެ: ހެލްތް މިނިސްޓަރު

ހުސައިން އިސްމާއިލް | 29 ދުވަސް ކުރިން - 08:04
މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް.
މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް.
ޚުލާސާ

މި ޕްރޮގްރާމުގެ މަޤްޞަދަކީ، ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތަކާއި، ބަލި ޖެހުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުވުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒާއި އެއްގޮތަށް، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޕްރިވެންޓިވް ހެލްތް ކެއާ ޕްރޮގްރާމް އިފްތިތާޙު ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، މިއީ ރާއްޖޭގައި މިހާތަނަށް ނުހިންގާ ވަރުގެ ބޮޑު ޕްރިވެންޓިވް ހެލްތް ކެއާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ ތައްޔާރީތަކުގެ ތެރެއިން، މިދިޔަ އަހަރު ފަސް އަތޮޅެއްގައި ވަނީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިހާރު ކުރެވެމުންދަނީ މި ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ރައީސްގެ އަމާޒަށް އަޅުގަނޑުމެން ވާޞިލްވާނަން. މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޕްރޮގްރާމް އިފްތިތާޙު ކުރެވި، މި ޕްރޮގްރާމުގެ ތެރެއިން ދިވެހި ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ޓަކައި އިލެކްޓްރޯނިކް ނިޒާމަކުން ގުޅައިލެވޭ ވިއުގައަކުން ރައްޔިތުންގެ ޞިއްޙީ ޙާލަތު ބެލެހެއްޓޭނެ," މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ ވޭޕް މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. މި ކަމުން ސަރުކާރަށް ލިބޭ އާމްދަނީ ޞިއްޙީ ކަންކަމަށް ޚަރަދު ކުރާނެ ކަމަށް ރައީސް މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ.

މިނިސްޓަރ ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި، ދުންފަތުގެ އިސްތިޢުމާލުން ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ކްލިނިކުތަކެއް ޤާއިމްކުރުމުގެ އިތުރުން، 24 ގަޑިއިރު ޚިދުމަތް ލިބޭނެ ހެލްޕް ލައިނެއް ވެސް ވަނީ ތަޢާރަފު ކޮށްފައެވެ.

ޕްރިވެންޓިވް ހެލްތް ކެއާގެ މުހިންމު ބައެއްގެ ގޮތުގައި، ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމުތަކެއް ވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިނިސްޓަރ ނާޒިމް ވިދާޅުވި ގޮތުގައި، މި ކަމަށް ވެސް ދުންފަތުގެ ބާވަތްތަކުން ލިބޭ އާމްދަނީގެ ތެރެއިން ޚަރަދު ކުރެވޭނެއެވެ.

ދިގު މުއްދަތަށް ބޭސްކުރަންޖެހޭ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ޓަކައި ގަވާއިދުން ހެލްތް ޗެކަޕްތައް ހެދުމުގެ މުހިންމުކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިއީ ވެސް ޕްރިވެންޓިވް ހެލްތް ކެއާގެ ތެރެއިން ކުރެވޭނެ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާ ގައިންގަޔަށް ނާރާ ބަލިތަކުގެ ޙާލަތު ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއްކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވިއެވެ. ޕްރިވެންޓިވް ހެލްތް ކެއާގެ މަޤްޞަދަކީ، އެ ފަދަ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތަކާއި، ބަލި ޖެހުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އާންމުންނަށް މަޢުލޫމާތުދީ ހޭލުންތެރި ކުރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި، މިނިސްޓަރ ނާޒިމް ވިދާޅުވީ ދުންފަތުގެ ބާވަތްތަކުން ސަރުކާރަށް ލިބޭ އާމްދަނީން ޖުމްލަކޮށް މުޅި ޞިއްޙީ ނިޒާމު ކުރިއެރުވުމަށް ޚަރަދު ކުރާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%