ޣައްޒާ ގަތުމަށް ޓްރަމްޕް ކުރާ މަސައްކަތް ނާކާމިޔާބު ކޮށްލާނަން: ހަމާސް

ޖަވާދު | 31 ދުވަސް ކުރިން - 08:05
ހަމާސްގެ އިސް ވެރިޔާ ޚަލީލް އަލް-ޙައްޔާ.
ހަމާސްގެ އިސް ވެރިޔާ ޚަލީލް އަލް-ޙައްޔާ.
ޚުލާސާ

މީގެ ކުރިންވެސް އެމެރިކާއާއި ހުޅަނގުން އެފަދަ ޕްލޭންތައް ރޭވި ކަމަށާއި، މިފަދަ ހީލަތްތެރި ރޭވުންތައް ނާކާމިޔާބު ކޮށްލި ގޮތަށް މިފަހަރުގެ ޕްލޭންތައް ވެސް ނާކާމިޔާބު ކޮށްލާނެ ކަމަށް ޚަލީލް އަލް-ޙައްޔާ ވިދާޅުވި.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ ބިން ގަނެ މިލްކުކުރަން ބޭނުންވާ ކަމަށް ބުނުމާއި ގުޅިގެން، ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން ހަރުކަށި ރައްދެއް ދީފިއެވެ. ހަމާސްގެ އިސް ވެރިޔާ ޚަލީލް އަލް-ޙައްޔާ ވިދާޅުވީ އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން ޣައްޒާއަށް ވެރިވެގަތުމަށް ރާވާފައިވާ ޕްލޭންތައް ކާމިޔާބު ނުވާނެ ކަމަށެވެ.

ޣައްޒާގެ ބިން ގަންނަ ވާހަކަ ޓްރަމްޕް ދެއްކީ، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކުގައި ވަޒަންވެރިކޮށް، ޣައްޒާ "ސާފުކުރާން" ބޭނުންވާ ވާހަކަ ބުނުމުން، އުރުދުން އާއި މިޞްރު ފަދަ ޤައުމުތަކުން އެކަމާއި ދެކޮޅު ހެދުމާއި ގުޅިގެންނެވެ.

ޓްރަމްޕް ބުނެފައިވަނީ ޣައްޒާގެ ބިން ގަތް ނަމަވެސް، ބައެއް ސަރަހައްދުތައް ތަރައްގީކުރުމުގެ ފުރުސަތު މެދުއިރުމަތީގެ އެހެން ގައުމުތަކަށް ދެވިދާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމަކާއި ޖަމާޢަތަކުން އެކަން ކުށްވެރިކޮށްފައިވެއެވެ.

މި ހާދިސާ ހިނގަމުންދަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިލައްކަ އެއްހައި މީހުން ޝަހީދުވެ، 111،638 މީހުން ޒަޚަމްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އިސްރާއީލާއި ހަމާސްއާއި ދެމެދު ވެފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ބަންދުގައި ތިބި މީހުން ދޫކޮށްލަމުންދާ ވަގުތެއްގައެވެ.

އެމެރިކާއިން ވަނީ އިސްރާއީލަށް 6.75 ބިލިއަން ޑޮލަރުގެ ބޮމާއި 660 މިލިއަން ޑޮލަރުގެ ހެލްފަޔަރ މިސައިލް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އަސްކަރީ އާލާތްތައް ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ އެމެރިކާގެ ސަރުކާރާއި ޑޮނަލްޑް ޓްރަމްޕް ހަވާލުވި ފަހުން ހެދި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

މިކަންކަން މިހެން އޮއްވައި ޣައްޒާގެ ބިން ގަންނަ ވާހަކަ އެމެރިކާގެ ރައީސް މި ދެއްކީ، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކުގައި ވަޒަންވެރިކޮށް، ޣައްޒާ "ސާފުކުރާން" ބޭނުންވާ ވާހަކަ ބުނުމުން، ޣައްޒާއިން ބޭރުކުރާ މީހުން ވަޒަންވެރި ކުރަން ޓްރަމްޕް ބޭނުންވި ޤައުމުތައް ކަމަށްވާ އުރުދުން އާއި މިޞްރުން އެކަމާއި ފާޅުގައި ދެކޮޅު ހެދުމާއި، ދުނިޔެއިން އެކަން ކުށްވެރިކުރާން ފެށުމުންނެވެ.

ޣައްޒާގެ ބިން ގަންނަ ވާހަކަ ޓްރަމްޕް ދެއްކި ނަމަވެސް، އެކަން ކުރާނީ ކިހިނެއް ކަމެއް އަދި ޣައްޒާގެ ރައްޔިތުންނަށް ހަދާނެގޮތުގެ ތަފްސީލެއް ޓްރަމްޕް ނުދެއެވެ.

ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ބުނީ، ޓްރަމްޕް އެކަން ކުރާނީ ކޮން ގޮތަކަށްތޯ ދެނެގަތުމަށް އިތުރު ތަފްސީލުތަކަށް އިންތިޒާރު ކުރުން ރަނގަޅު ކަމަށެވެ. ޑިމިޓްރީ ޕެސްކޯވް ބުނީ، ޓްރަމްޕްގެ ޕްލޭނާއި ގުޅޭގޮތުން ބައިވަރު ސުވާލުތައް އެބަހުރި ކަމަށާއި، އެކަމުގެ ތަފްސީލުތައް އަދި ނޭނގޭ ކަމަށެވެ.

ކޮންމެޔަކަސް، ޣައްޒާގައި ހުންނަވާ ހަމާސްގެ އެންމެ އިސް ވެރިޔާ ޚަލީލް އަލް-ޙައްޔާ ވިދާޅުވީ، ހުޅަނގާއި އެމެރިކާ އަދި ޑޮނަލްޑް ޓްރަމްޕް، ޣައްޒާއަށް ވެރިވެގަތުމަށް ރާވާފައިވާ ޕްލޭންތައް ކާމިޔާބު ނުވާނެ ކަމަށާއި މީގެ ކުރިންވެސް އެމެރިކާއާއި ހުޅަނގުން އެފަދަ ޕްލޭންތައް ރޭވި ކަމަށާއި، މިފަދަ ހީލަތްތެރި ރޭވުންތައް ނާކާމިޔާބު ކޮށްލި ގޮތަށް މިފަހަރުގެ ޕްލޭންތައް ވެސް ނާކާމިޔާބު ކޮށްލާނެ ކަމަށެވެ.

އަދި ރިއަލް އެސްޓޭޓް ޑީލަރެއްގެ ވިސްނުމުގައި ފަލަސްތީނު މައްސަލައިގެ ތެރެއަށް ނުވަނުމަށް ޚަލީލް އަލް-ޙައްޔާ ވަނީ ޓްރަމްޕަށް އިންޒާރު ކުރައްވާފައެވެ.

ޓްރަމްޕްގެ މި ވާހަކަތަކާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމަކާއި، އެތައް ޖަމާޢަތަކާއި އެތައް ބަޔަކު އެކަން ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%