ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ބާއްވާ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޔޫ.އޭ.އީގެ ދުބާއީއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް ޔޫ.އޭ.އީއަށް ވަޑައިގެންނެވުމުން މަރްޚަބާ ދެންނެވީ އެ ޤައުމުގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް އެންޑް އެމިރެޓައިޒޭޝަން އަދި އެކްޓިންގ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އެންޑް ސައިންޓިފިކް ރިސާރޗް، ޑޮކްޓަރ ޢަބްދުލްރަޙްމާން ޢަބްދުލްމަންނާން އަލް އައްވާރުއެވެ.
ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގެ މި އަހަރުގެ ޝިއާރަކީ "ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް" އެވެ. މި ސަމިޓު ކުރިއަށް ދާނީ މި މަހުގެ 11 އިން 13 އަށެވެ.
މި ސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ޤައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.
މި ސަމިޓްގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ނައިބު ރައީސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ސަމިޓްގެ ބައެއް ބައިވެރިންނާއެކު އެމަނިކުފާނު ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.