މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ގޮވާލައްވައިފިއެވެ.
ނާޒިމް މިފަދައިން ގޮވާލެއްވީ ޕާކިސްތާނުގައި ބޭއްވި ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
މި ކޮންފަރެންސްގެ މުހިންމު ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ނާޒިމް އިލްތިމާސްކުރެއްވިއެވެ. އެގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ހައިސިއްޔަތުން ލިބިފައިވާ ތަޖުރިބާތައް ހިއްސާކުރުމަށާއި، ޤައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ނާޒިމް ގޮވާލެއްވިއެވެ. އަދި މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމާއި، ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތައް ހޯދުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނާޒިމް ވަނީ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމުގެ މުހިންމުކަމާއި، މިނިވަންކަމާއެކު މަޢުލޫމާތު ޙިއްޞާކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ. އަދި މަޝްވަރާގެ މަޖިލިސްތަކަށް އިސްކަންދިނުމަށާއި، އެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރެއްވިއެވެ.
މި ކޮންފަރެންސްގައި ޕާކިސްތާނުގެ އިސް ވެރިންނާއި، ޒެމްބިއާ، މެލޭޝިއާ އަދި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި، އެހެނިހެން މެންބަރު ޤައުމުތަކުގެ ޕާލަމެންޓް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.