ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަށް ދާން އޮންނަ މަގުގައި ޕިކަޕަކާއި ކާރެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިއަދު މެންދުރުފަހު 13:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާގައި ޕިކަޕް ދުއްވަން އިން މީހާގެ މޫނަށް ބިއްލޫރި ބުރައިގެން ގޮސްފައިވާތީ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ޗެކަޕެއް ހަދާފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި މި އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދު ވެސް ދުއްވާފައި ވަނީ ޑްރައިވިންގ ލައިސަންސް އޮތް ދެ މީހުންނެވެ. އަދި މި ވަގުތު ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.