ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައި ހުރި ރަށްތައް ސަރުކާރަށް އަނބުރާ ނެގުމުގެ ބަދަލުގައި، ސަރުކާރުން ބޭނުންވަނީ އިންވެސްޓަރުންނަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ 68 ރަށެއް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި 8 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ރަށްތައް ހިމެނޭ އިރު ސަރުކާރުން ބޭނުންވަނީ މި ރަށްތައް ފަތުރުވެރިކަމަށް ނުނެރެވި ހުރި ސަބަބުތައް ދެނެގަނެ އިންވެސްޓަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މަސައްކަތްތައް ހުއްޓިފައި ހުރި ވާހަކަ ނުދައްކާ، ބޭނުންވަނީ އެކަންކަމަށް ޙައްލުތައް ހޯދާ ކުރިއަށްދެވޭނެ މަގުތައް ކޮށައިދޭން. ރައީސްގެވެސް ވިސްނުމަކީ މިއީ. އެކަމާއި ގުޅޭ ޤާނޫނުތަކާއި އުސޫލުތަކަށް ވެސް ބަދަލުތައް، ލުއިފަސޭހަވާނެ ގޮތަށް ގެންނަން ޖެހޭ." ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ބޮޑެތި މަސައްކަތްތަކަށް ނަގަންޖެހޭ ހުއްދަތަށް ނެގުމާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްވެސް ވުޒާރާގެ ތެރޭގައި ލުއިފަސޭހަކުރުމަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، އިންޖިނިއަރިން ކޮންސަލްޓެންސީ ޕޫލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިކަމަށް ކޮންސަލްޓަންޓުން ހޯދުމަށް އަވަހަށް ހުޅުވާލާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު 176 ރިސޯޓް ތަރައްޤީކޮށް ޚިދުމަތްދެމުންދާއިރު، 165 ރަށެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަހަރު 6 ރިސޯޓް ހުޅުވޭނެ ކަމަށް އަންދާޒާ ކުރާއިރު، މިއާއެކު ސިނާޢަތަށް 1290 އެނދު އިތުރުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.