ރޭ ހުޅަނގު ކެރިބިއަން ކަނޑުގައި ރިކްޓަރ މިންގަނޑުން 7.6 ގެ ބާރު މިނުގައި ބިންހެލުމެއް އައިސްފިއެވެ. މި ބިންހެލުމާއި ގުޅިގެން ކޭމަން އައިލެންޑްސްއަށް ސުނާމީ އިންޒާރެއް އެމެރިކާއިން ނެރެފައިވެއެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ އިން ބުނާ ގޮތުގައި، މި ބިންހެލުން އައީ އިރުއޮއްސުނު ފަހު 6:23 ގައި (ޖީއެމްޓީ ގަޑިން 23:23 ގައި) އެވެ. ބިންހެލުމުގެ އައިސްފައި ވަނީ ކޭމަން އައިލެންޑްސްގެ ވެރިރަށް ޖޯޖް ޓައުންގެ ދެކުނު-ހުޅަނގުން 130 މޭލު ދުރުގައެވެ. މި ބިންހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރުގެ އަޑިންނެވެ.
ކޭމަން އައިލެންޑްސްގެ ޑިޒާސްޓަރ މެނޭޖްމެންޓުން ވަނީ އިންޒާރެއް ނެރެ، އައްސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އިރުޝާދު ދީފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ފުރަތަމަ ޕިއުޓޯ ރިކޯ އަދި ޔޫއެސް ވާޖިން އައިލެންޑްސްއަށް ވެސް ސުނާމީ އިންޒާރެއް ނެރުނެވެ. ނަމަވެސް، ފަހުން އެ އިންޒާރު ވަނީ ކެންސަލް ކޮށްފައެވެ.