ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވަމުން އައި މަސްތުވާތަކެތީގެ ނެޓްވޯކް އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މިއަހަރުގެ ރިޔާސީ ބަޔާނާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދެގޮތަކަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެއީ މަސްތުވާތަކެއްޗަށް އޮތް ޑިމާންޑު ދަށްކުރުމަށް އެތަކެއްޗަށް ދެވިހިފާފައި ތިބި މީހުންނަށް ފަރުވާ ދިނުމާއި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފުވައްމުލަކުގައި ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން ޑްރަގް މީހުންނަށް ދެމުންގެންދާ ތަންތަން އެއްކޮށް ހުއްޓުވައި އެކަންކަން ކުރަމުން އައި މީހުން ހިފާ ހައްޔަރުކޮށްފައިވާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރާ އެކު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފަރުވާދެވޭ ގޮތަށް ތިން މަރުކަޒެއް ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 1.2 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ވަނީ ހުއްޓުވާފައެވެ.
ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކަސްޓަމްސް ގުޅިގެން އިންޓެލިޖެންސަށް ބިނާކޮށް އޮޕަރޭޝަންތަކެއް ދަނީ ހިންގަމުން ކަމަށެވެ. އަދި އަތޮޅުތަކަށް ހާއްސަކޮށްގެން ޑްރަގް އޮޕަރޭޝަންތައް ހިންގައި އެފަދަ ނެޓްވޯކުތައް ނައްތާލުމުގެ ކާމިޔާބު މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް ތިބޭ މީހުން ދެނެގަނެ، އެ މީހުން މަނީ ލޯންޑަރިންގެ ކުށުގައި ހައްޔަރުކުރަމުންދާ ކަމަށާއި، ޤާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު އެމީހުންނަށް ދެމުންދާ ކަމަށްވެސް ވަޒީރު އިޙްސާން ވިދާޅުވިއެވެ.