ހދ. މަކުނުދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަޤީންކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ދެއްވައިފިއެވެ. މިކަން ވަޒީރު ހާމަކުރެއްވީ އިއްޔެ މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު މަކުނުދޫއަށް ވަޑައިގަތުމުން އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ އެއަރޕޯޓާ ގުޅިގެން ހުރި ބައެއް ޝުޢޫރުތައް ފާޅުކޮށްފައެވެ. ނަމަވެސް ވަޒީރު ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި،، އެއަރޕޯޓުގެ މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.
ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވަޒީރު ވިދާޅުވީ މަކުނުދޫ އެއަރޕޯޓުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އަދި އެ ރަށުގެ އެއަރޕޯޓު ސަރުކާރުން ތަރައްޤީކުރަނީ، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"މަކުނުދޫގެ އެއަރޕޯޓަކީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އަޅުގަނޑަށް ވެސް އިޙްސާސް ކުރެވުނު. މާލެއިން ކުޅުދުއްފުށްޓަށް އަންނަން މިޖެހެނީ. ކަނޑު ގަދަ ދުވަސް ދުވަހު ކުޅުދުށްފުށިން މި ރަށަށް އައުމަކީ ދަތިކަމެއް." ވަޒީރު ވިދާޅުވިއެވެ.
މަކުނުދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން މިހާރު ހިއްކައި ނިމިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ނިމުމުން ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ މެދުވެރިކޮށް ނަމަވެސް، ރަންވޭ ހެދުމާއި ޓަރމިނަލް ހެދުން ފަދަ ޢުމްރާނީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.