އިސްލާމްދީނުގައި އަނިޔާވެރިވުމާއި ގެއްލުން ދިނުމަކީ ހުއްދަކަމެއް ނޫން: ޚުޠުބާ

އައިޝަތު ރުވާ ރިފްޢަތު | 35 ދުވަސް ކުރިން - 13:58
މާލޭގެ މިސްކިތެއް. / ފޮޓޯ: ޚުލާސާ
މާލޭގެ މިސްކިތެއް. / ފޮޓޯ: ޚުލާސާ
ޚުލާސާ

އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑުކަމަށް ޚުޠުބާގައި ފާހަގަކުރި.

އިސްލާމްދީނުގައި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމަކީ ހުއްދަކުރެވިފައިވާ ކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ އިސްލާމްދީނަކީ އުޚުއްވަތްތެރިކަމާއި އޯގާތެރިކަމާއި ރަޙުމާއި ހަމްދަރުދީގެ ދީނެއްކަމަށެވެ. އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑުކަމަށް ޚުޠުބާގައި ބުންޏެވެ.

މާތް الله ވަޙީކުރައްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި اللهއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ދެބަސްވެ އަރައިރުން ނުވާށެވެ! (ދެބަސްވެ އަރައިރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަ ކަށަވަރުން اللهވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."

އެގޮތުން، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އަޚުވަންތަކަން އޮންނަންވީ ގޮތް ބަޔާންކޮށްދެއްވައި ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ"

އެއްބައިވަންތަކަމަށް ހުރަސްއަޅާ ކަންތައްތަކުގެ ތެރެއިން މަލާމާތްކުރުމާއި ފުރައްސާރަކުރުން ފަދަ ކަންކަން މަނާކުރައްވާފައިވާކަން ވެސް ޚުޠުބާގައި ފާހަގަކުރިއެވެ. އަދި މުސްލިމުންނާ މެދު ދޮގު ވާހަކަ ދެއްކުމާއި އެފަދަ ވާހަކަ ފެތުރުމަކީ ވެސް މަނާކުރެވިފައިވާ ކަމެއްކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.

ޚުޠުބާގައި މުސްލިމުންނަށް ނަސޭހަތްތެރިވެ، އަޚުވަންތަކަމާއި އެއްބައިވަންތަކަމަށް ވާސިލުކޮށްދޭ ކޮންމެ ކަމެއް ކުރުމަށް އަދި އެކަން ކެނޑިދާނެ ކޮންމެ ކަމަކުން ދުރުހެލިވުމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން، އިސްލާމީ އުންމަތަކީ އެއް އުންމަތެއްުންމަތެއްކަމަށާއި، ބައިބައިވުމަށް ފުރުޞަތުދޭ އުންމަތެއް ނޫންކަމަށް ޚުޠުބާގައި ބުންޏެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުމަކީ ﷲގެ ޙަޟްރަތުގައި މުސްލިމުންގެ ދަރަޖަ މަތިވެރިވެގެންދާނެ ކަމެއްކަމަށްވެސް ފާހަގަކުރިއެވެ.

ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ޤިޔާމަތްދުވަހު މާތް الله ވަޙީކުރައްވާނެތެވެ. ތިމަން اللهއަށް ޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ މީހުންކޮބައިހެއްޔެވެ؟ ތިމަން الله ލައްވަވާ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ މި ދުވަހު އެބައިމީހުންނަށް ތިމަން الله ހިޔާވަހިކަން ދެއްވާހުށީމެވެ."

ޚުޠުބާ ނިންމާލީ، ﷲއަށް ޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ ބަޔަކު ކަމުގައި ލެއްވުމަށް އެދި ދުޢާކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%