އިންޑިއާ ސަރުކާރުގެ އިސް ބޭފުޅަކު ތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ބައްލަވާލައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުޖާ ކޭ މެނަން ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް މިދިޔަ ބުރާސްފަތި ދުވަހު ބައްލަވާލައްވާފައިވާ ކަމަށެވެ.
އެ ޒިޔާރަތުގައި އޭނާއާ އެކު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ހަމީދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އިބްރާހީމް ޒުހުރީ އަދި ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލް ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބެއްލެވުމުގެ އިތުރުން، މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
އެ ޒިޔާރަތުގައި އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިސްވެރިންނާއި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އެފްކޮންސް އަދި ކޮންސަލްޓަންޓް އަރަޕްގެ ބޭފުޅުން ވެސް ސައިޓަށް ވަޑައިގަތެވެ.
އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ތިލަފުށި ގުޅުވާލުމަށް ހަދާ ބްރިޖެކެވެ.
ކުރީގެ ސަރުކާރުގައި މަސައްކަތް ފެށި މި ބްރިޖުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، މި ސަރުކާރު އައިފަހުން ވަނީ އެކި ފިޔަވަޅުތައް އަޅައި މަސައްކަތް ވަރަށް ބޮޑަށް އަވަސްކޮށްފައެވެ.