މާލެ ސަރަޙައްދުގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ރަޖިސްޓްރީ ކުރަން ވަޒީފާދޭ ފަރާތްތަކަށް އަންގައިފި

އައިޝަތު ރުވާ ރިފްޢަތު | 40 ދުވަސް ކުރިން - 13:29
މާލޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް / ފޮޓޯ: ޚުލާސާ
މާލޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް / ފޮޓޯ: ޚުލާސާ
ޚުލާސާ

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުން ކަމަށް ވުޒާރާއިން ފާހަގަކުރި.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީފާ ދޭ ފަރާތްތަކަށް އަންގައިފިއެވެ.

ވުޒާރާއިން ބުނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތާއި، ފިންގަޕްރިންޓް އަދި ފޮޓޯ އަޕްޑޭޓްކުރުމަށް އަންގާ ކަމަށެވެ. މި މަޢުލޫމާތުތައް މާރޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަދާހަމަކުރުމަކީ ވަޒީފާ ދޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށް ވުޒާރާއިން ބުންޏެވެ.

ކަނޑައެޅިފައިވާ މުއްދަތުގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން، އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

އެގޮތުން، މި މަސައްކަތަކީ އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޛު ކުރަމުންދާ ޕްރޮގްރާމެއްގެ ބައެކެވެ. މި އޮޕަރޭޝަނަށް ޚާއްސަކޮށް ޤާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުން މި މަސައްކަތް ވިލަރެސްކޮށް ކޯޑިނޭޓްކުރަމުންދެއެވެ. މި ސެންޓަރުގެ ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ލިބެން ހުންނާނެކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

ބިދޭސީންނާ ގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ދަނީ ކުރިއަށެވެ. ޖެނުއަރީ މަސް ނިމުނުއިރު 25,000 އަށްވުރެ ގިނަ ބިދޭސީންގެ ބައޯމެޓްރިކްސް ހިމެނޭ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. މާލެ ސަރަޙައްދުގައި މިހާތަނަށް 1,400 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނެގިފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާއި ހަމައަށް ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމެވެ. މިދިޔަ އަހަރު އެކަނި ވެސް 5,600 އަށްވުރެ ގިނަ ޤަވާއިދާއި ޚިލާފަށް އުޅުނު ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލެވިފައިވެއެވެ.           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%