ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ނަމަ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރަނީ

އަހްމަދު އީޒާން | 40 ދުވަސް ކުރިން - 11:45
ޚުލާސާ

ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕަޓް ސިސްޓަމުން ސަސްޕެންޑުކޮށް، ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް މިނިސްޓްރީން ބުނި.

މާލޭ ސަރަޙައްދުގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކްސް، އަންނަ މަހު 15 ގެ ކުރިން އަޕްޑޭޓް ނުކުރާ ނަމަ ވަޒީފާދޭ ފަރާތްތައް އެކްސްޕަޓް ސިސްޓަމުން ސަސްޕެންޑްކުރަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް (ފިންގަޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމުގެ މަސައްކަތް، ވަޒީފާ ދޭ ފަރާތުން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ފޮރިން ލޭބާއާ ގުޅިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކުރިއަށް ގެންދަން ވާނެ ކަމަށެވެ.

އެ މުއްދަތުގައި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕަޓް ސިސްޓަމުން ސަސްޕެންޑުކޮށް، ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމާއި އޮޕަރޭޝަން "ކުރަނގި"ގެ ދަށުން ސަރުކާރުން ތަންފީޒުކުރުމަށް އެކަށައަޅާފައިވާ ހުރިހާ ކަންކަން ވިލަރެސްކޮށް، ކޯޑިނޭޓްކުރަމުން ދަނީ އެންސީއައިޓީގައި މި އޮޕަރޭޝަނަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުން ކަމަށެވެ.

އެ ސެންޓަރުން ޚިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މަޢުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި 2، 2024 ގަ އެވެ. އެ ހަރަކާތަށް މި ހޭދަވި ނުވަ މަސް ދުވަހުގެ ތެރޭގައި 25،483 މީހެއްގެ ބަޔޮމެޓޮރިކްސް މަޢުލޫމާތު ނަގާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%